ކުޅިވަރު

އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އާޖެންޓީނާއިން ހޯދައިފިއެވެ.

ލުސައިލް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗުގެ 34 ވަނަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްއަށް އޭރިއާތެރެއިން ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފައެވެ. މެސީ ވަނީ އާޖެންޓީނާއަށް 11 ލަނޑު ޖަހާދީފައެވެ.

އާޖެންޓީނާއިން ލީޑު ފުޅާކުރީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަލްވަރޭޒްއެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާ ޓީމުން ބަދަލުތަކެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މި ހާފުގައި ލަނޑު ޖެހޭތޯ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ބްރޫނޯ ޕެޓްކޮވިޗާއި، ޑޭޔާން ލޮވްރެންއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

އާޖެންޓީނާއިން ތިންވަނަ ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ މެސީގެ އެހީތެރިކަމާއެކު އަލްވަރޭޒްއެވެ.

މި ނަތީޖާއާއެކު އާޖެންޓީނާއިން އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނެ ޓީމެއް އެނގޭނީ ބުދަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗަށްފަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ މޮރޮކޯ އާއި ފްރާންސްއެވެ.

މިއީ އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅޭނެ ހަވަނަ ފަހަރެވެ. އެންމެ ފަހުން އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލުން ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.