ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްއިން ގާނާއަށް 3 ބިލިއަން ޑޮލަރުގެ ލޯނު އެހީއެއް


އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ޖީލެއްގެ ތެރޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ގާނާއަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ގާނާގެ މާލީ ވަޒީރު ކެން އޮފޯރީ-އަޓާ ވިދާޅުވެއްޖެއެވެ.

އައިއެމްއެފްގެ ބޯޑުން ހުށަހަޅާފައިވާ ތިން އަހަރުގެ ލޯނު އަންނަ އަހަރުގެ ކުރީކޮޅު ފާސްކުރާނެ ކަމަށް ބެލެވޭ ކަމަށް އޮފޯރީ-އައްޓާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ދުއާކުރަނީ މިއީ އައިއެމްއެފްގެ އެހީއަށް އެދޭ އެންމެ ފަހު ފަހަރަށް ވާނެ ކަމަށް. އެހެންވީމާ މި ޕްރޮގްރާމް ވަރަށް ވަރުގަދަ ވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް 16 ފަހަރު އައިއެމްއެފްގެ އެހީއަށް އެދިފައިވާ ގާނާއި 17 ވަނަ ފަހަރަށް އައިއެމްއެފްގެ އެހީތެރިކަން ނުހޯދުމަށް ގާނާއިން އަޒުމް ކަނޑައެޅި ނަމަވެސް އިންފްލޭޝަން މަތިވަމުން ދިއުމުގެ ސަބަބުން ގާނާގެ ރައްޔިތުން ދިޔައީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.

މި އެއްބަސްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޖެނުއަރީ މަސް ނިމުމުގެ ކުރިން ފުރިހަމަ ކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަރަދުތައް ކުޑަކުރުމާއި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަކީ ގާނާގެ އިގްތިސާދީ ގޮންޖެހުންތަކާއި ދަރަނި ހައްލުކުރުމަށް ފުދޭ ކަމެއް ނޫންކަމަށް އޮފޯރީ-އައްޓާ ވިދާޅުވިއެވެ.

އައިއެމްއެފްއިން ލޯނު އެހީ ދޭން އެއްބަސްވެފައިވާކަމަށް ގާނާއިން ބުނިނަމަވެސް އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޕެކޭޖު ފާސްކުރާނީ ގާނާގައި ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަކަމަށް އައިއެމްއެފްގެ މިޝަން ޗީފް ފޯ ގާނާ ސްޓެފަން ރޫޑެޓް އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅވެފައެވެ.

ގަނާގެ ދަރަނި ސެޕްޓެމްބަރު މަހު ވަނީ 43.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިކަމާއި ގުޅުންހުރި ފަރާތްތަކުން ބުނި ގޮތުގައި އައިއެމްއެފްގެ މި ލޯނަކީ، ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެކްސްޓެންޑް ކްރެޑިޓް ފެސިލިޓީއެއްކަމަށް ބެލެވޭކަމަށެވެ.

ލޯކަލް ބޮންޑްތަކުގެ ތެރެއިން 10.5 ބިލިއަން ޑޮލަރުގެ ބޮންޑުތައް އާ ބޮންޑަށް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މި ހަފްތާގައި ގާނާގެ ސަރުކާރުން ދަރަނި އަލުން އެކުލަވާލަން ފެށި ނަމަވެސް ބޭރުގެ ދަރަނި އަލުން އެކުލަވާލުމުގެ ޕްލޭންތައް އަދި އިއުލާންކޮށްފައެއް ނުވެއެވެ.