ޚަބަރު

ބޮޑު ޚިޔާނާތުގެ ތުހުމަތުގައި ދުންޔާ އޭސީސީއަށް ޙާޒިރުކޮށް ސުވާލުކޮށްފި


މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕިއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުކޮށް ސުވާލުުކޮށްފިއެވެ.

އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ. އޭސީސީން، ދުންޔާ ހާޒިރު ކޮށްފައިވަނީ މިއަދު 11 ޖެހިއިރަށެވެ. ދުންޔާ ހާޒިރު ކޮށްފައިވަނީ އޭސީސީން ކުރަމުންދާ ތަހުގީގުގައި އޭނާއާއި ގުޅުން އޮތް މައްސަލައެއްގެ ތަހުގީގަށް ކަމަށް އެނގިފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގް ހިންގައި ރައްޔިތުންނަށް މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓްގައި ވަނީ، ދުންޔާއަށް ދައުލަތުގެ ފައިސާގެ މަންފާކޮށްފައިވާކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް މިމައްސަލައިގެ ތަހުގީގަށް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވެއެވެ. ނަމަވެސް ދުންޔާގެ ފަރާތްޕުޅުން އޭސީސީއަށް ޙާޒިރުވެފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ކުރީގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ނިމިދިޔަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭސީސީން އެމްއެމްޕީއާރުސީގެ ތަހުގީގާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލަމުންދާއިރު، މިމައްސަލަތައް ވީހާވެސް އަވަހަށް ނިންމައި ދައުވާ ކުރުމައަށް ފޮނުވުމަށް އޭސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައްނިމި ތަހުގީގު ކުރުމާއިމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދަނީ މަޝްވަރާ ކުރަމުންނެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ. ނަމަވެސް ރައީސް ޔާމީނަށް ދަށުކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކޮށްފައިވާ ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.