ޚަބަރު

ޝިއާޢުގެ މަރުގެ މައްސަލާގައި ދަޢުވާކުރުމާމެދު މިމަހު ގޮތެއް ނިންމަނީ


މިދިޔަ އޯގަސްޓްމަހު ރަޙުމްކުޑަގޮތަކަށް މަރާލި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ދައުވާކުރުމާއިމެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެރޭ އެތަނުން އޭނާގެ ހަށިގަނޑު ބޮޑީ ބޭގުގައި ފުލުހުން ގެންދިޔައީ ދެ ކޮތަޅަކަށް އަޅައިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްއެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިމައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ދައުވާކުރުމާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލާގެ އެންމެ ފަހުން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޝިއާއުގެ މަރުގެ މައްސަލައަށް ޝާހިލްގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ލިބިފައި ނުވެއެވެ. ނަމަވެސް އޭނާގެ ފޯނު ހުޅުވާ، އޭގެ ޑާޓާތައް ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ކުރިންވެސް ވިދާޅުވިގޮތުގައި ޝާހިލް، ޝިއާއު މަރާލިކަން ސާބިތުވާނެ ވަރަށް އެކަށީގެންވާ ހެކި ހުރިނަމަވެސް މައްސަލާގައި ދައުވާ ނުއުފުލައި މަޑުޖައްސާފައި ވަނީ ހަމަލާގެ މޯޓިވް ދެނެގަތުމަށެވެ. އަދި ފޯނުގެ ޑާޓާތައް މުހިންމުވަނީ އެސަބަބަށްޓަކާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ފުލުހުން މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލާގައި މިހާތަނަށް 45އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާއި ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނީ އޭރު ޝާހިލް ދިރިއުޅެމުން ދިޔަ ގޭ ތެރެއިންނެވެ. ފުލުހުން ވިދާޅުވިގޮތުގައި އޭނާއަށް ދީފައިވާ ބައެއް އަނިޔާތަކަކީ އޭނާ މަރުވިފަހުން ދީފައިވާ އަނިޔާތަކެކެވެ.