ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ބާއްވާ 23 އަހަރުންދަށުގެ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ އަހުމަދު ނަޝީދު ހަމަޖައްސައިފި އެވެ.
މިއީ ރާއްޖޭގެ ވޮލީބޯޅައިގެ ތާރީހުގައި ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގެ އެންމެ އިސް ފަރާތަކަށް ދިވެއްސެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 26 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގައެވެ.
އަހުމަދު ނަޝީދަކީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ) ރެފްރީއެއްގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރެފްރީޒް ކޮމިޝަންގެ ޗެއާމަނެވެ. އަދި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކުރައްވާފައިވާ ތަޖުރިބާކާރު ރެފްރީއެކެވެ.
މި މުބާރާތުގައި ސެންޓްރަލް އޭޝިއާއަށް ނިސްބަތްވާ ހަތަރު ޤައުމެއް ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ކިރްގިސްތާން، ސްރީލަންކާ، އަދި ނޭޕާލެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިރްގިސްތާނާއި ސްރީލަންކާއެވެ.
ކާވާ އެގްޒެކެޓިވް ކޮމިޓީގެ ރައީސަކީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފެވެ. މީގެއިތުރުން ކާވާ އެކި މަޤާމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނެއެވެ.