ޚަބަރު

މޮރޮކޯގެ ކާމިޔާބީގައި އިސްލާމީ އުސޫލުތަކާއި ޢާއިލީ ބަދަހި ގުޅުން


ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބަރާތުގެ ފައިނަލަށް ދަތުރު ކުރުމަށްޓަކައި މިރޭ މޮރޮކޯއިން އެންމެ ފަހުގެ ޗެންޕިއަން ފްރާންސްއާއި ދެކޮޅަށް ނިކުންނާނެއެވެ. މިމެޗަކީ އެތައް ގޮތަކުން ޚާއްސަ މެޗެކެވެ. މޮރޮކޯގެ ޓީމަކީ އިސްލާމީ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މުސްލިމު އެނެމްހާ ރައްޔިތުންގެ ތާއީދައި ލޯބިއޮތް ޓީމެކެވެ. އަނެއްކޮޅުން ވާދަކުރާ ފްރާންސަކީވެސް މުސްލިމު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.

ދެޓީމުގެ ފެންވަރާއި ފުޓުބޯޅައިގެ ކާމިޔާބީއަކީ އުޑާބިމާހާއި ތަފާތު ކާމިޔާބުތަކެކެވެ. ފްރާންސަކީ ފުޓުބޯޅައިގެ ގަދަބާރެކެވެ. ނަމަވެސް މޮރޮކޯ ފުޓުބޯޅައިގައި ދުނިޔޭގެ ސަމާލުކަން ހޯދައި އަޖައިބުކުރަނިވި ނަތީޖަތަކެއް ހޯދާފައިވަނީ މިފަހަރުގެ ވޯލްޑުކަޕުންނެވެ. މުބާރާތުގައި މޮރޮކޯއިން ނެރުނު އާދަޔާ ޚިލާފް ނަތީޖާތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގައިވަނީ ބެލްޖިއަމް ބަލިކޮށްފައެވެ. ގަދަ 16ގައި ވަނީ ސްޕެއިން ބަލިކޮށްފައެވެ. އަދި ކުއަޓާގައި ކްރިސްޓިއާނޯ ޕޯޗުގަލްއާއިއެކު ވޯލްޑްކަޕް ތައްޓަށް ކުރަމުންދިޔަ އިންތިޒާރަށް ވަނީ ނިމުން ގެނުވާފައެވެ.

މިކާމިޔާބީތަކާއިއެކު މޮރޮކޯއިން ވަނީ އެތައް ޝަރަފެއް ލިބިގެން ގޮސްފައެވެ. އެފްރިކާ ބައްރުން ވޯލްޑްކަޕްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދާފައެވެ. މިކާޔާބީގެ އުފާ ފާޅުކުރަނީ އެފްރިކާއާއި، މުސްލިމު ރައްޔިތުންނެވެ. މޮރޮކޯއިން މިހޯދި ކާމިޔާބީއާއިއެކު ދަނޑުމަތިންނާއި ދަނޑު ބޭރުން ދެއްކި އާދަޔާއި ޚިލާފް ހިތްވަރާއި، އަހުލާގަކީ ހުޅަނގުގެ އެތައްބައެއްގެ ސަމާލުކަންވެސް ހޯދި ކަންތައްތަކެވެ.

ކޮންމެ މެޗެއް ނިމުމާއިއެކު އުފާފާޅު ކުރަމުންދަނީ މުޅި އާއިލާއެކީގައެވެ. ކޮންމެ މެޗެއް ބެލުމަށް ދަނޑުގައި މޮރޮކޯ ކުޅުންތެރިންގެ މައިންބަފައިންނާއި، އާއިލަގެ ގާތްތިމާގެ މީހުންތިބެއެވެ. މެޗުނިމުން ހަމްދުގެ ސަޖިދައަށްފަހު ކޮންމެ ކުޅުންތެރިއެއްގެވެސް ފުރަތަމަ ވާޖިބަކީ މައިބަފައިންނާއި ބައްދަލުކޮށް ސަލާން ގަލާންކޮށްލައި ލިބުނު އުފާ އާއިލާއާއި ހިއްސާކުރުމެވެ. މޮރޮކޯގެ ކޯޗާއި ކުޅުންތެރިންވެސް ބުނެފައިވަނީ ކޮންމެ ކާމިޔާބީއެއްގެވެސް އެންމެ ބޮޑު ހިއްސާއަކީ މައިންބަފައިންކަމަށެވެ.

ދަނޑުމަތީގައި މައިންބަފައިންނާއިއެކު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކޮށް އެހޭދަކުރާ ވަގުތުތަކަކީ އެކަމުން އެތައްބަޔަކަށް އެތައް މެސެޖެއް ލިބިދިންކަމެކެވެ. ޓުވިޓާގައި ހުޅަނގުގެ ގައުމަކަށް ނިސްބަތްވާ އަންހެނަކު ބުނެފައިވަނީ އެމީހުން ދަނޑުމަތީގައި މޮޅުކުޅުމެއްދައްކައި ހޯދާ ކާމިޔާބީއަށްފަހު އާއިލާއާއިއެކު އުފާފާޅު ކުރާ ކުރުމަކީ ހުޅަނގުން ނަމޫނާ ލިބިގަންނަންޖެހޭ ކަމެއްކަމަށެވެ. އާއިލާއަކީ ކިހާ މުހިންމު ބައެއްކަމާއި، މެޗަށްފަހު މަންމައާއި ބައްޕަގެ ގައިގައި ބައްދާލައި ބޮސްދިނުމަކީ ދައްކުވައިދިން ރީތި މިސާލެއްކަމަށެވެ.

މޮރޮކޯއިން މިދެއްކި ނަމޫނާއާއިއެކު އެތައްބައެއްގެ ލޯތްބާއި، ތާއީދު މޮރޮކޯގެ ޓީމަށް ވަނީ ލިބިގެންގޮސްފައެވެ. މޮރޮކޯގެ ކުޅުންތެރިން ބުނެފައިވަނީ އެމީހުން ދަނޑުމަތީގައި ދައްކާ ކޮންމެ ހިތްވަރެއްގެ ފަހަތުގައި އާއިލާ އޮތްކަން ޔަގީންވާކަމީ ލިބޭ އިތުރު ހިތްވަރެއްކަމަށެވެ. މޮރޮކޯގެ އަޝްރަފް ހަކީމީއާއި، ސޮފްޔާން ބޫފާލް، އައި ކޯޗު ވަލީދު ރެގްރަގީ މެޗަށްފަހު އާއިލާއިއެކު އުފާފާޅުކުރި ވީޑިއޯތައް މުޅި ސޯޝަލް މީޑިއާގައި ދައުރުވެ އެތައްބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

މިރޭގެ ރާއްޖެ ގަޑިން ބާރަ ޖަހާއިރު މޮރޮކޯ ވާދަކުރާ ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީވެސް މުސްލިމު ކުޅުންތެރިން ހިމެނޭ ޓީމެކެވެ. ފްރާންސްގެ އޮސްމާން ޑެމްބަލޭއާއި، ވިލިޔަމް ސަލީބާއާއި، ޔޫސުފް ފޮފާނާ ފަދަ ކުޅުންތެރިންނަކީ މުސްލިމް ކުޅުންތެރިންނެވެ. އަނިޔާއާއި ހެދި މިވޯލްޑްކަޕުން ނުފެނުނު ކަމުގައި ވީނަމަވެސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަރީމް ބެންޒީމާއާއި، ޕޯގްބާ އަކީވެސް މުސްލިމު ކުޅުންތެރިންނެވެ.

މިރޭގެ މެޗުގައި މުސްލިމު އެތައްބައެއްގެ ސަޕޯޓާއި ލޯބި މިކުޅުންތެރިންނަށް އޮންނާނެއެވެ. ސަބަބަކީ މިއިން ކޮންމެ ކުޅުންތެރިއަކީވެސް ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް މުސްލިމުންގެ ރީތި އާދަތައް ހިފަހައްޓައި އެކަން ދެމެހެއްޓުމުގައި ނަމޫނާ ދެއްކި ކުޅުންތެރިންނަށް ވުމެވެ. މިރޭގެ މެޗަކީ މިދެޓީމު ވާދަވެރި މުބާރާތެއްގައި ވާދަކުރާ ފުރަތަމަ މެޗެވެ. ނަމަވެސް އެކުވެރިކަމުގެ ފަސް މެޗެއްގައި މީގެ ކުރިން ދެޓީމުން ވަނީ ވާދަކޮށްފައެވެ. އެފަސްފަހަރުވެސް ބުރަވަނީ ފްރާންސް ކޮޅަށެވެ.

ވޯލްޑްކަޕްގެ ތާރީހުގައި އާސަފުހާތަކެއް ލިޔެ ކާމިޔާބަކަށްފަހު ކާމިޔާބެއް ހޯދަމުންދާ މޮރޮކޯއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މުސްލިމުންގެ އެތައް ބިލިޔަން ރައްޔިތުންނެއް އެޓީމާއިއެކު އޮތުމެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް މޮރޮކޯއަށް ގެއްލޭނެ އަދި މާޔޫސްވާނެ ހަމައެއްވެސް ކަމެއް ނެތެވެ. މެޗުގެ ހުރިހާ ޕްރެޝަރެއް އޮތީ އެންމެފަހުގެ ޗެމްޕިއަން ފްރާންސަށްކަމަށް ގިނަ ބަޔަކު ދެކެއެވެ.