ޚަބަރު

ޖެންޑަރ މިނިސްޓްރީގެ ކުރީގެ 3 ވެރިޔަކަށް ދައުވާކޮށްފި


އުސޫލުތަކާއި ޚިލާފަށް ގދ.ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައަކީ، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރިކަމުގެ ތުހުމަތާއި ގުޅިގެން އޭސީސީއަށް ހުށައަޅައި ތަޙުޤީގުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ތުހުމަތުކުރަނީ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުންނެވެ.

މިމައްސަލާގައި ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޭރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ސ. ހިތަދޫ ހަނދުވަރީގެ، ޢާއިޝަތު ރަޝީދު އާއި އެމިނިސްޓްރީގެ އޭރުގެ ޑިރެކްޓަރ ގދ. ތިނަދޫ ނޫވިލު، ޙުދޫދާ ވަޙީދުގެ އިތުރުން އެމިނިސްޓްރީގެ ޑިރެކްޓަރ، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.

މިމައްސަލައިގެ ތަޙުޤީގަށް އެނގިފައިވާ ކަންކަމުގެ ތެރޭގައި ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އިވެލުއޭޓުކޮށް، އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ޙަވާލުކުރުމުގެ ބަދަލުގައި، ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން 2 ވަނައަށް ދިޔަ ކުންފުންޏަށްކަމަށެވެ.

އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން 2 ވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ މަސައްކަތް ޙަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަން ތަޙްޤީޤަށް އެނގޭ ކަމަށްވެސް އޭސީސީން ބުނެއެވެ. އަދި އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏާއި އެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ބޮޑު އަގުގައިކަން ތަހުޤީގަށް ވަނީ އެނގިފައިކަމަށްވެސް އޭސީސީން ބުނެއެވެ.

މިމައްސަލާގައި ހިމެނޭ 3 މީހުންގެ މައްޗަށް ދައުވާ ކުރަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.