އައިއެމްއެފްއާއެކު ވެފައިވާ އެއްބަސްވުމެއްގެ އިތުރުން މަލްޓިލޭޓަރަލް އެޖެންސީތަކުން އަންނަ އަހަރު 5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ރޮއިޓާސް ނޫހަށް ވިދާޅުވެއްޖެއެވެ. ދައުލަތުގެ އެސެޓްތައް އަލުން އެކުލަވާލުމުގެ ތެރެއިން ސަރުކާރަށް 3 ބިލިއަން އެމެރިކާ ޑޮލަރު ހޯދައިދެވޭނެ ކަމަށް ވެސް އޭނާވަނީ ވިދާޅުވެފައެވެ.
އައިއެމްއެފް އިން ލިބޭ އެއްޗެއް ފިޔަވައި، އެހެން މަލްޓިލޭޓަރަލްސް އެއްކޮށް އިތުރު 4 ބިލިއަން ނުވަތަ 5 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ބަލަމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ލަންކާގެ ރައީސް މިހާރު ބޭނުންފުޅު ވަނީ ދައުލަތުގެ ބައެއް މުއައްސަސާތައް އަލުން އެކުލަވާލަން ކަމަށާއި އެހެންކަމުން އެހީތައް މެދުވެރިކޮށް 2 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3 ބިލިއަން އެމެރިކާ ޑޮލަރު ހޯދިއްޖެ ނަމަ ގައުމުގެ ރިޒާވް ހަރުދަނާ ވެގެން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބޭރު ޤައުމުތަކަށް ދަރާފައިވާ ލޯނުތައް ދައްކައި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ލަންކާއިން މިހާރު އަންނަނީ އައިއެމްއެފް އިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ލަންކާގެ އިންފްލޭޝަން މަތިވަމުން ދާތާ ގާތްގަޑަކަށް އަހަރެއްހާ ދުވަސްވެއްޖެއެވެ. އިންފްލޭޝަން މަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތި ނުވާހާ ބޮޑު އިގްތިސާދީ ކާރިސާ އަކާއި ލަންކާ އަށް ކުރިމަތިލާން ޖެހުމެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ އަށް ފާއުތުވި 70 އަހަރުގެ ތެރޭގައި ދިމާނުވާ ފަދަ ބޮޑު ތަދުމަޑުމަޑުކަމަކާ މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން ގައުމުގައި ބޭރު ފައިސާގެ ރިޒާވެއް ނެތުން ފަދަ ކަންކަމާ ހެދި ދަރަނި ދެއްކުން ފަދަ އެތައް މައްސަލަތަކަކާ ލަންކާ އަށް ކުރިމަތިލާން ޖެހިފައިވެ އެވެ.