ރާއްޖޭގައި މިވަގުތު ކުރިޔަށްދާ އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯހަށް ކޯޗު މުހައްމަދު ޝާޒްލީގެ ދައުވަތަކަށް ރާއްޖޭގެ ލޮލުގެ ފެނުމުން މަހްރޫމްވެފައި ތިބި ތިން ކުއްޖަކު ބައިވެރިވެއްޖެއެވެ.
އިޖުތިމާއި ޒިންމާގެ ދަށުން ކުރިޔަށްދިޔަ މި ސެޝަންގައި ކޯޗިން ކޯހުގެ މައުލޫމާތުގެ އިތުރުން ލޯފަން ކުދިން ފުޓްބޯޅަ އަޑުއެހުމަށް ކުރަމުންދާ މަސައްކަތްތަކާއި ބްލައިންޑް ފުޓްބޯޅަ ތައާރަފްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްސީލު އެ ކުދިން ވަނީ ކޯހުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. އޭއެފްސީ ކޯޗިން ކޯހުގެ އިންސްޓްރެކްޓަރ ޝާޒްލީ ވިދާޅުވީ މިފަދަ ދައުވަތެއް އެ ކުދިންނަށް ދިނުމުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ކޮއްދެވޭނީ ކޮންކަމެއްތޯ ބަލައި މައުލޫމާތު ހޯދުންކަމަށެވެ.
މިއީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެސް ވަރަށް ބޮޑަށް އިސްކަމެއްދީގެން ކުރިޔަށްގެންދާ ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރަންޖެހޭކަމަށް ޝާޒްލީ ފާހަގަކުރިއެވެ. މިފަދަ އިޖްތިމާއި ހަރަކާތްތައް ރާއްޖޭގައި އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރަމުން ޝާޒްލީ ވިދާޅުވީ މިއީ އަލަށް ތަމްރީންވެގެން ނުކުންނަ ކޯޗުންނަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އޭއެފްސީ ބީ ލައިސެންސް ކޯޗިން ކޯހުގެ ދޮޅުގަޑިއިރަށް ކުރިޔަށްދިޔަ ސެޝަނަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަދައްކަމުން ޝާޒްލީ ވިދާޅުވީ މިހާރު އެފްއޭއެމްގެ ކޯޗާސް އެޑިއުކޭޝަނުން މިހާރު ނިންމާފަވާ ގޮތުގައި އަންނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހުރިހާ ކޯހެއްގައިވެސް ވަކި މާއްދާއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުޓްބޯޅައިގެ ތެރެއިން ކަންތައްތައްކޮއްދެން ޖެހޭގޮތަށް ކޯސް ފަރުމާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ސެޝަންގައި ވާހަކަދައްކަމުން އެފްއޭއެމް ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު ޝަރީފް ( ޑުންގާ ) ވިދާޅުވީ އެ ކުދިންގެ އިހްސާސްތަށް އެފްއޭއެމުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ލޮލުގެ ފެނުމުން މަހްރޫމްވެފައި ތިބި ކުދިން އަތުގައި އެފްއޭއެމް ހިފައިގެން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި ބްލައިންޑް ފުޓްބޯޅައިގައި އެފްއޭއެމް ވެވިދާނެ އެހީތެރިކަމާ މެދު ލޯފަންކުދިންގެ ޖަމިއްޔާއެކު ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމުގެ ޔަގީން ކަންވެސް ޑުންގާ ވަނީ ދީފައެވެ.
މި ކޯހުގެ ހާއްސަ ސެޝަނުގައި ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ތިން ކުއްޖަކުވަނީ ބައިވެރިވެފައެވެ. ބައްދަލުވުމަށްފަހު ވާހަކަދައްކަމުން މުހަންމަދު ސައްދާމް ބުނީ ކޯޗު ޝާޒްލީ މެދުވެރިވެގެން ލިބުނީ މުހިންމު ފުރުސަތެއް ކަމަށާއި، އަލަން ތަމްރީން ވެގެން އަންނަ ކޯޗުންނަށް ލޯފަންކުދިންގެ ހާލަތު ބުނެދިނުމަށް ލިބުނު ފުރުސަތު ބޭނުން ހިފަން ނިންމީ ކަމަށެވެ. ސައްދާމް ބުނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން މުޖްތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ފޯރުކޮށްދެވޭނެކަމަށެވެ.
ލޯފަންކުދިންގެ ތެރެއިން ފުޓްބޯޅައަށް ފޯރި ހުންނަ ކުދިންކަން ފާހަގަކުރަމުން ސައްދާމް ބުނީ ބްލައިންޑް ފުޓްބޯޅަ ކުރިއަރުވަން އަރަމުން އަންނަ ކޯޗުން މެދެވެރިކޮށް ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމަށެވެ. ކޯޗު ޝާޒްލީ ސަމާލުކަމަށް މި ކުދިންގެ ވާހަކަތައް އައީ މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕުގެ މެޗުތަކުގެ ދިވެހި ކޮމެންޓްރީ ކުލަބު ހައުސް މެދުވެރިކޮށް އަޑު އިވުނު ހިސާބުންނެވެ.
މި ސެޝަންގައި މުބާރާތުގެ މެޗުތައް އެކުދިންނަށް އަޑުއެހުމުގައި އެހީތެރިކަން ފޯރުކޮށްދިން ތަޖުރިބާކާރު ކޮމެންޓޭޓަރު ޕީއެސްއެމް ސްޕޯޓްސްގެ ޖާނަލިސްޓް ސާއިދު އަހުމަދު ވެސް ވަނީ ބައިވެރިވަފައެވެ. ސާއިދު ވަނީ އެކުދިން ބޯޅަ އަޑުއެހުމަށް ހުރި ޝައުގުވެރިކަމާއި ބޮޑެތި މުބާރާތްތަކުގައި ކޮމެންޓްރީ އަޑުއެހުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
މިހާރު ދިވެހިރާއްޖެ އަޑުން އަންނަނީ ވޯލްޑްކަޕް ސެމީ ފައިނަލާ ހިސާބުން ހުރިހާ މެޗެއްގެ ދިވެހި ކޮމެންޓްރީ ވަގުތުން ދުރަށް ފޮނުވަމުންނެވެ.