ޚަބަރު

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ހުރި ކަންކަމަށް ރިޢާޔަތްކޮށް އިތުރު ފިޔަވަޅުތަކެއް އަޅާނެ


ގެއްލުވާލުމަށްފަހު މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް އިތުރު ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާނެކަމަށް ގަބޫލު ކުރައްވާ ކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ މިއަދުއެވެ. ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ކޮމިޝަންގެ ރިޕޯޓަކީ އަދި ފެށުމެއް ކަމަށެވެ. އަދި މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވިއިރު، 3 މީހެއްގެ މައްޗަށް މިހާރުވެސް ދައުވާ އުފުލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިސްބާހު ވިދާޅުވީ މިރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ހެކިތަކާއި، ތަފްސީލީ މައުލޫމާތުތަކަށް ބަލައި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރު ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރިޕޯޓުގައި ރިޟުވާންގެ މަރުގައި ޝާމިލުވި މީހުންނާއި، ސިޔާސީ ގޮތުން މިކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތުތައް ތަފްސީލީ ގޮތެއްގައި ހިމެނިފައިވާނެކަމަށް މިސްބާހު ވިދާޅުވިއެވެ.

"ކޮމިޝަނަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިންވަރަށް އަޅުގަނޑުމެންވަނީ ތަހުގީގް ފުރިހަމަކޮށްފަ. ދެން ދައުވާ ކުރުމާއިމެދު ގޮތް ނިންމާނީ އެހެން ފަރާތަކުން. މިމައްސަލައިގެ ރިޕޯޓް ރައީސަށް އެރުވިއިރު ތިން މީހަކަށް ޝަރީއަތް ކުރެވިގެން އެދަނީ. އަދި މިރިޕޯޓް މިއަދު އެރުވުނީ ރައީސްގެ އަތްޕުޅަށް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ރިޕޯޓްގަ ހުރި ކަންކަމުގެ މައްޗަށް އަދި އިތުރު އިތުރު ކަންތައްތަކެއް ހިނގައިދާނެކަމަށް. މިއީ އަޅުގަނޑުމެންގެ މަސައްކަތް ނިމުމެއްނޫން. ރިޕޯޓް ރައީސްގެ އަތްޕުޅަށް އެރުމާއިއެކު މިމައްސަލައިގަ އަދިމިއަށްވުރެ މާބޮޑެތި ކަންތައްތަކެއް ކުރިއަށް އެބަހުރިކަމަށް އަޅުގަނޑު ގަބޫލުރަނީ." މިސްބާހު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގް ކުރިއަށްދިޔައިރު މިމަރާއި ގުޅިގެން ކޮމިޝަނުން އާންމުކުރި ވަޅިއާއި ގުޅޭގޮތުން މިސްބާހު ވިދާޅުވީ، ޝަރީއަތް ކުރިއަށްދާ މައްސަލައަކަށް ވެފައި އަދި މިވަޅި ބޭރަށް ފޮނުވައިގެން ކުރި ތަހުގީގުން މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އަދި މިމައްސަލައިގެ ޝަރީއަތްތަކެއް ކުރިއަށްދާތީ އެ ވަޅީގެ މާބޮޑު ތަފްސީލެއްވެސް އޭނާ ހާމައެއް ނުކުރައްވައެވެ.

ރިޟުވާންގެ މަރުގެ މައްސަލާގައި އެކުލަވާލި ރިޕޯޓްގެ ސިއްރު ހިފެހެއްޓޭނެ މިންވަރާއި ގުޅޭގޮތުން ކުރެވުނު ސުވާލުގައި މިސްބާހު ވިދާޅުވީ ރިޕޯޓްގެ ސިއްރުކަން ހިފަހައްޓައި، މިހާރު ކުރިއަށްދާ ޝަރީއަތްތަކާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރިޕޯޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކަށް ބަލައި އެއިންއެއްވެސް ކަމަކަށް އަސަރު ނުކުރާނެގޮތަށް ރިޕޯޓްގެ ސިއްރުކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.