ޒާހިރު ނަސީރު މެމޯރިއަލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ޓީރެކްސްއިން ކާމިޔާބުކުރީ 54-50 ޕޮއިންޓުންނެވެ،
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާގައި ޓީރެކްސް ވަރުގަދަކޮށް ފެނުނުއިރު، މި ކުއާޓާ ޓީރެކްސްއިން ނިންމާލީ ލީޑުގައި އޮވެއެވެ، މި ކުއާޓާ ޓީރެކްސްއިން ނިންމާލީ 21-17 އިންނެވެ.
އެކަމަކު ދެވަނަ ކުއާޓާގައި ރެޑްވިންގްސް ބާސްކެޓްބޯލް ކުލަބުން ވަނީ ތަފާތު މޮޅަށް ކުޅެފައެވެ. މި ކުއާޓާގައި ޓީރެކްސްއަށް ސްކޯ ކުރެވުނީ އެންމެ ހަތަރު ޕޮއިންޓެވެ.
އެކަމަކު މެޗުގެ ތިންވަނަ ކުއާޓާގައި ޓީރެކްސްއިން ވަނީ މޮޅަށް ކުޅެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި އަލުން ލީޑު ނަގާފައެވެ. އަދި މި ކުޅުން ހަތަރުވަނަ ކުއާޓާގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.
މި މެޗުގައި ޓީރެކްސް ޓީމުން އެންމެ މޮޅަށް ކުޅުނީ 22 ޕޮއިންޓް ސްކޯކޮށް ހަތް ރީބައުންޑް ނެގި އަޙްމަދު ފިރާޝްއެވެ. އަދި ރެޑްވިންގްސް އިން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ޕޮއިންޓް ސްކޯކޮށް އަށް ރީބައުންޑް ނަގާ ފަސް އެސިސްޓްކުރި ޒައިދާން އާތިފް ޝުކޫރެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ހަވީރު ކުޅުނު އަންހެން ފައިނަލް މެޗު ކުއީންސްއިން ކާމިޔާބުކުރީ ސްރީލަންކާގެ ބްލޫސް ބާސްކެޓްބޯލް ކުލަބްގެ މައްޗަށް 56-47 ޕޮއިންޓުން ކުރިހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، ކްއީންސްއިން ކުރީގައި އޮތީ އެންމެ ޕޮއިންޓަކާއެކުގައެވެ. އެކަމަކު ދެވަނަ ކުއާޓާގައި ކުއީންސްއިން ވަނީ މުހިންމު ދަނޑިވަޅުތަކުގައި ރަނގަޅު ސްކޯތަކެއް އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ވެސް ކުއީންސްއިން ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ، އެކަމަކު ހަތަރުވަނަ ކުއާޓާގައި ބްލޫސްއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
މި މެޗުގައި އެންމެ ކުއީންސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ރީބައުންޑް ނަގާ 23 ޕޮއިންޓް ސްކޯކޮށް ތިން އެސިސްޓްކުރި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާއެވެ.