ދުނިޔޭގެ ވިޔަފާރި

ފޯޑުގެ އެންމެ އަގުހެޔޮ އިލެކްޓްރިކް ޓްރަކުގެ އަގު ބޮޑުކޮށްފި


އެމެރިކާގެ އޮޓޯ އުފައްދާ ކުންފުނި ފޯޑުގެ އެންމެ އަގު ހެޔޮ އިލެކްޓްރިކް ޓްރަކް ކަމުގައިވާ، F-150 ލައިޓްނިންގް އިލެކްޓްރިކް ޓްރަކުގެ އަގު %9 އަށް އިތުރުކޮށް އޭގެ އަގު 55974 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ފޯޑުގެ ވެބް ސައިޓްގައި ބުނެފިއެވެ.

ފޯޑުން ވަނީ 3 މަސް ދުވަހުގެ ތެރޭގައި ދެ ފަހަރު އިލެކްޓްރިކް ޕިކަޕް ޓްރަކްތަކުގެ އަގު ބޮޑުކޮށްފައެވެ. އަގު ބޮޑުކޮށްފައި ވަނީ ޚަރަދު ބޮޑުވެ، ސަޕްލައި ޗެއިން އަށް ބުރޫ އެރުމުގެ ސަބަބުންނެވެ.

ޓެސްލާ އިންކް އާއި ރިވިއަން އޮޓޯމޯޓިވް އިންކް ހިމެނޭ ގޮތަށް މުޅި ދުނިޔޭގެ އޮޓޯ އުފައްދާ ކުންފުނިތަކުން ވެސް ލިތިއަމް ފަދަ ރޯ މެޓީރިއަލްގެ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހިފައިވާއިރު، އޮޓޯ އުފެއްދުމުގެ ޚަރަދުތައް ބޮޑުވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ތެރޭގައި އަހަރަކު 150،000 ލައިޓްނިން ޕިކަޕް އުފެއްދުމަށް އަމާޒު ހިފާފައިވާ ފޯޑުން މިކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ.

ޓްރަކްގެ އައު މޮޑެލެއް ކަމަށްވާ އެފް ސީރީޒް ސުޕަރ ޑިއުޓީ ޓްރަކް އުފެއްދުމަށް އެމެރިކާގެ ކެންޓަކީގައި ހުންނަ އެ ކުންފުނީގެ ކާރުޚާނާއަށް 700 މިލިއަން އެމެރިކާ ޑޮލަރު އަންނަ އަހަރު އިންވެސްޓުކުރާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ފޯޑުން ވަނީ ބުނެފައެވެ.

ފޯޑުން ބުނީ އެ ކުންފުނީގެ އެފް ސީރީޒް ޓްރަކް ފްރެންޗައިޒް އަށް މިދިޔަ އަހަރު ގާތްގަނޑަކަށް 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށާއި، އެއީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ދުނިޔޭގެ އޮޓޯމޯޓިވް އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމަށެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ފޯޑް އެފް ސީރީޒްގެ އެމެރިކާގެ ޓްރަކްތަކުގެ ވިޔަފާރި %11 ދަށްވެ 420،969 އަށް އަރާފައިވާއިރު، މިއީ ޖުމްލަ ވިއްކުމުގެ ތިންބައިކުޅަ އެއްބައި އެވެ. އެފް ސީރީޒްގެ ޖުމްލަ ވިއްކި 6،842 ޓްރަކަކީ އިލެކްޓްރިކް އެފް-150 ލައިޓްނިން ޓްރަކެވެ.