ކުޅިވަރު

ސިންގަޕޫރު އަތުންވެސް ރާއްޖެ ބަލިވެއްޖެ


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުންވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ސިންގަޕޫރުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންންވެ،

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ސިންގަޕޫރުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިލްހާން ފާންޑީއެވެ. މިއީ ކްރިސްޓޮފާ ވެން ހީޒެންގެ އެހީތެރިކަމާއެކު ފާންޑީ ކާމިޔާބުކުރި ލަނޑެކެވެ.

އެކަމަކު ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 15 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހަމްޒާ މުޙައްމަދު (ހަމްޕު)ގެ އެހީތެރިކަމާއެކު މި ލަނޑު ޖަހާދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އެވެ.

މި ލަނޑަށްފަހުވެސް ރާއްޖެއަށް ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ހަސަން ރާއިފް އަޙްމަދު ފޮނުވާލި ހަމަލާ އަމާޒުވީ ސިންގަޕޫރު ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ސިންގަޕޫރުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޝަވަލް އަނުއާރްއެވެ.

އަދި މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވނިކޮށް ސިންގަޕޫރުގެ ތިންވަނަ ލަނޑުވެސް ޖެހީ ޝަވަލްއެވެ.

މި މަހު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން މިދިޔަ ހަފްތާގައި ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއީ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ފަސްވަނަ މެޗެވެ.