އިންވެސްޓްމަންޓްތައް ކުރިއެރުވުމަށާއި ވިޔަފާރިތަކަށް އެހީތެރިވެ ޑިޖިޓަލް ބަދަލުތަކަށް އެހީތެރިވެވޭނެ ބޮޑެތި ފުރުސަތުތައް އެފްރިކާ ބައްރުގައި އެބައޮތްކަމަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ޕްރައިވެޓް ސެކްޓަރުތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާ އިންސްޓިޓިއުޝަންއެއް ކަމަށްވާ އަދި ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕް، އައިއެފްސީގެ އިސް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އައިއެފްސީގެ މެނޭޖިން ޑިރެކްޓަރު މަޚްތާރު ޑިއޮޕް ރޮއިޓާސް ނޫހަށް ވިދާޅުވި ގޮތުގައި އައިއެފްސީން މަސައްކަތް ކުރަމުންދަނީ އެފްރިކާގެ ގައުމުތަކާ ގުޅިގެން މުޅި ބައްރުގައި އިގްތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމަށް އެހީތެރިވުމަށް އަވަހަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިވެ ދިނުމަށެވެ.
އާންމުގެ ދިރިއުޅުން ހެޔޮގޮތުގައި ބަދަލުކޮށްލައިދޭނެ އާ ޓެކްނޮލޮޖީތައް ގާއިމުކުރެވޭނެ ގޮތްތަކަކަށް އެފްރިކާ އެދެމުން އަންނަކަމަށް މަޚްތާރު ވިދާޅުވިއެވެ. ހެލްތު-ޓެކްއިން ފެށިގެން ފައިންޓެކް އާއި ހަމައަށް އާ ވިޔަފާރީގެ މޮޑެލްތަކާއި ޕްލެޓްފޯމްތަކުގެ ކުރިއެރުން ފެނިފައިވާ ކަމަށާއި ނަމަވެސް އެފްރިކާގެ %80 އަށްވުރެ ގިނަ ސްޓާޓްއަޕްތަކުން ރިޕޯޓްކުރަނީ ކަންކަން ކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ކަމަށްވެސް މަޚްތާރު ވިދާޅުވިއެވެ.
އައިއެފްސީގެ އަމާޒަކީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެކްސްޕޯޓް ކުރެވޭނެ "ހޯމްގްރޯން އިނޮވޭޓިވް ސޮލިއުޝަންސް" އެފްރިކާއަށް ތަރައްގީ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެފްރިކާގެ ވިޔަފާރިވެރިކަމާއި ޑިޖިޓަލް ޓްރާންސްފޯމަޝަނަށް ސަޕޯޓް ދިނުމަކީ އެފްރިކާ ބައްރާއި ބައްރުން ބޭރުގައިވެސް އިގްތިސާދީ ކުރިއެރުމާއި، ވަޒީފާ އުފެއްދުމަށް މުހިންމުކަމެއްކަމަށްވެސް މަޚްތާރު އިތުރަށް ވިދާޅުވިއެވެ.
އައިއެފްސީގެ ގްލޯބަލް ޑިރެކްޓަރު އޮފް ޑިސްރަޕްޓިވް ޓެކްނޮލޮޖީ ވިލިއަމް ސޮންބޯން ވިދާޅުވީ 18 އަހަރުން ދަށުގެ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާއަކީ ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބައެއް އިގްތިސާދުތައް ކުރިއެރުމަށް އޮތް މަގު ކަމަށެވެ.
"އެފްރިކާ އަކީ އެމެރިކާގެ އުފެއްދުންތަކާއި ހިދުމަތްތަކުގެ މުސްތަގުބަލުގެ މާކެޓް" ކަމަށްވެސް ވިލިއަމް ވިދާޅުވިއެވެ. އެމެރިކާއިން މިކަމުގައި ބައިވެރިނުވެއްޖެނަމަ މުހިންމު ފުރުސަތެއް ގެއްލިގެންދާނެކަމަށް ވިލިއަމް އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއާއި އެފްރިކާއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި އެފްރިކާގެ 45 ގައުމެއްގެ ލީޑަރުން ބައިވެރިވި ތިން ދުވަހުގެ ސަމިޓެއް މި ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބާއްވާފައެވެ.