ޚަބަރު

ޒިޔަދަމްގެ މަރު: 7 އަހަރުފަހުން ސިފާމްއާއި ޝަނޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ


2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޒިޔަދަމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.މުންޑޫ މުހައްމަދު ޝަނޫންއާއި، އަލީ ސިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މިމާރާމާރީގައި މަރުވި ޒިދަމްއާއި، އޭނާ މަރާލި ކަމަށް ކުށްސާބިތުވި ޝަނޫންއާއި، ސިފާމްއަކީވެސް އެކީގައި އުޅުނު ތިން ރަށްޓެހިންކަމަށާއި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވެއެވެ.

ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ. މިމައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި، ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި މިމައްސަލާގައި ސިފްހާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފައެވެ.

މިމައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަސްނެގުމެވެ. ޤާޞީ ވަނީ ވާރިސުންގެ މައުލޫމާތު ޝަރީއަތާއި ހިއްސާ ކުރުމަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދައުލަތަށް ދީފައެވެ. މިމައްސަލާގައި އަދަބާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް 10 ދުވަސް ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.