ޚަބަރު

ކެމިކަލް ވެޕަންސް ޔުނިޓެއް ހެދުން ލާޒިމްކުރާ ބިލު ތަސްދީޤްކުރައްވައިފި


ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބެލެކެވެ. މިއީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ (ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993) ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނު ތަންފީޛުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ޚާއްޞަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ޤަވާޢިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިޢުކުރަންޖެހެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.