ޚަބަރު

ހޯސާ އެޕްލިކޭޝަނާއެކު ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް


މަސްވެރިންގެ އެޕާއެކު މަސްވެރިންނަށް ފަސޭހަކަމާއެކު ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯއިން ދޭ ޙިދުމަތްތައް އޮންލައިންކުރުމަށްޓަކައި، ހޯސާގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗުކޮށްފައިވަނީ، ގދ. ފަރެސްމާތޮޑާގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

މިފްކޯގެ އެޕްލިކޭޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ބިލް ހެދުމުގެ ނިޒާމް މި އެޕްލިކޭޝަނާއެކު ނިމުމަކަށް އަންނާނެ ކަމަށެވެ. އެގޮތުން މަސްވެރިން މަސް ބާނާފައިވާ ސަރަޙައްދުތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެ ކަމަށާއި، މަސް ކިރުވާ އަދަދުތައްވެސް އެޕްލިކޭޝަނުން ބަލާލެވޭނެކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

" މަސް ކިރާ ދޯނިފަހަރަށް ކިއު ނަމްބަރު މި އެޕްލިކޭޝަނުން ލިބޭނެ، ނަން ނޯޓުކުރާކަށް ނުޖެހޭނެ، މާ ކައިރިން މިހާރު ޙިދުމަތްދެވޭނެ ކަމަށް ޤަބޫލުކުރެވޭ،" އިސްމާއިލް ވިދާޅުވިއެވެ.

މި އެޕްލިކޭޝަންގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށާއި އެހެން ކުންފުނިތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ލިބޭ ޙިދުމަތްތައް މި އެޕްލިކޭޝަނާއެކު ތަނަވަސްވެގެންދާނެކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

"މަސްވެރިން ފޯރަމްގައިވެސް ވަރަށް ބޮޑަށް ފާހަގަކުރި، ޕެންޝަންގެ ވާހަކަ، އިންޝުއަރެންސްގެ ވާހަކަ، މި އެޕްއާއި އެކު އެފުރުސަތު ލިބޭނެ، ކޮންމެ މަހެއްގައި ބާނާމަސް، ހަފްތާ ނިމުނީމައި މި ބަހަނީ، ކޮންމެ ކުރޫއަކަށް ލިބޭ އާމްދަނީ އެނގޭނެ، މިފްކޯގެ ލެޓަރ ހެޑުގައި ސިޓީތަކާއި ރިޕޯޓުތައް ނެގޭނެ، މިހާރު ބޭނުންވާ ދުވަހެއްގައި ތަފްސީލް ނަގާފަ އެކަން ކުރެވޭނެ،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންގެ އެޕްއަށް އިތުރު ޕީޗާސްތައްލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެއާއެކު މި އެޕް އިތުރަށް ފުރިހަމަވެގެންދާނެކަން އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ދޭ ޙިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް އެކުންފުނިން ދެކެއެވެ. އަދި މިއީ މަސްވެރިންނަށްވެސް އޭގައި ލުއި ފަސޭހަތަކެއް ހުރި ކަމެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.