ޚަބަރު

ފައިޞަލް މަރުވިޔަސް ތަހްގީގް ކުރިއަށް


ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން ކުރި މަސައްކަތާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ތަހުގީގް ކުރަމުންދާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން ކުރި މަސައްކަތާއި ގުޅިގެން ފުލުހުން ދަނީ ހާދިސާ ހިނގި ދުވަހުން ފެށިގެން ތަހުގީގް ކުރަމުންނެވެ. ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ފައިސަލް އަމިއްލައަށް މަރުވާން ކުރި މަސައްކަތާއި ގުޅިގެން އެކަން ތަހުޤީގުކުރުމުގެ ކަންކަން ވަގުތުން ފަށާފައި ވާކަމަށެވެ.

އެގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަަމށް ހަފްސީ ވިދާޅުވިއެވެ. އަދި ތަހުގީގަށްފަހު ރިޕޯޓް މިނިސްޓަރަށް ހުށަހެޅުއްވުމުން މިނިސްޓަރ އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ހަފްސީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމައްސަލާގައި ފާރަވެރިވާ އެެހެން މުއައްސަސާއަކުންވެސް ގެންދަނީ ބައްލަވަންޖެހޭ ކަންކަން ބައްލަވާ ތަހުޤީގުކުރައްވަމުން ކަމަށެވެ. އެކަމަށް މިނިސްޓަރާއި، މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމަށް ހަފްސީ ވިދާޅުވިއެވެ.


ނިޝާމާ މުޙައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުނުން ހާލު ސީރިއަސްވެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެފައެވެ. ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. ފައިސަލް މަރުވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވަކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.