ދުނިޔޭގެ ވިޔަފާރި

ކެމްބޯޑިއާގެ އިޤްތިސާދީ ދުވެލި މިއަހަރު ހަލުއިވާނެ: އައިއެމްއެފް


ޔޫރަޕާއި އެމެރިކާގެ މައިގަނޑު އެކްސްޕޯޓް މާކެޓްތަކުގައި ޑިމާންޑް ދަށްވުމާއި ޗައިނާގެ އިޤްތިސާދީ ހާލަތުގެ ސަބަބުން ކެމްބޯޑިއާގެ އިޤްތިސާދީ ދުވެލި މިއަހަރު %5އަށް އަދި އަންނަ އަހަރު %5.4އަށް ހަލުއި ވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ބުނެފިއެވެ.

އައިއެމްއެފްއިން ގަވާއިދުން ބާއްވަމުން އަންނަ މަޝްވަރާތަކަށްފަހު ބުނިގޮތުގައި ކެމްބޯޑިއާގެ އިޤްތިސާދީ ދުވެލި ހަލުއި ވާނީ ޕޮލިސީ ސަޕޯޓާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުން ކަމަށެވެ. ނަމަވެސް ބޭރުގެ ހާލަތާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިޤްތިސާދީ ދުވެލި މަޑުޖެހުންވެސް އެކަށީގެންވާ ކަމަށް އައިއެމްއެފް އިން ބުނެއެވެ.

ތެލާއި ގަސްކާނާގެ އަގު އުފުލުމުގެ ސަބަބުން ކެމްބޯޑިއާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާއިރު، ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގެ ޓެކްސްޓައިލްސް އާއި ފައިވާން އަދި ބޫޓު ފަދަ ތަކެތި އުފައްދާ ގައުމު ކަމަށްވާ ކެމްބޯޑިއާގެ އުފެއްދުންތަކަށް އޮތް ޑިމާންޑް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަށްވެފައިވާ ކަމަށް އައިއެމްއެފް އިން ބުނެއެވެ.

މިއަހަރު އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ގޮސް އަންނަ އަހަރު އިންފްލޭޝަން ދަށްވާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވާ ނަމަވެސް ކެމްބޯޑިއާގެ އިޤްތިސާދީ ކުރިއެރުން މާ ރަނގަޅުވާނެ ކަމަށް ނުފެންނަ ކަމަށްވެސް އައިއެމްއެފް އިން ވަނީ ބުނެފައެވެ.