އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް އަންނަ އަހަރު ގައުމުގެ އިޤްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
އަދި މިހީނަރުކަން އެންމެ މަދުވެގެން އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ދެކުނު ކޮރެއާ އިން ބުނެއެވެ.
އިޤްތިސާދު ހަމަޔަކަށް އެޅުވުމަށް ޓެކްސް ލުއިތަކެއް މިވަގުތު ދީފައި އޮތް ބައެއް ސިނާއަތްތަކަށް އެ ލުއިތައް އަންނަ އަހަރު ވެސް ކުރިއަށް ގެންދަން ކޮރެއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ކަނޑައަޅާ އިޤްތިސާދީ ސިޔާސަތުތައް ކޮރެއާގެ ސަރުކާރުން މިހަފްތާގެ ފަހުކޮޅު އިއުލާނު ކުރާނެކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ މިއަހަރުގެ މޭ މަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔޫން ސުކް-ޔިއޯލްގެ ސަރުކާރުން ފުރިހަމަ އަހަރަކަށް ކަނޑައަޅުއްވާނެ ފުރަތަމަ އިޤްތިސާދީ އެޖެންޑާއެވެ.
އޭޝިއާގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިސާދު އޮންނަ ދެކުނު ކޮރެއާގެ އިޤްތިސާދު މައިގަނޑުގޮތެއްގައި ބިނާވެފައި ވަނީ ކާރާއި ކޮމްޕިއުޓަރު ޗިޕާއި ބޯޓުފަހަރު ފަދަ އުފެއްދުންތަކުގެ އެކްސްޕޯޓުގެ މައްޗަށެވެ. އެގައުމުގެ އިޤްތިސާދީ ދުވެލި މިއަހަރު %3 އާއި ގާތް ކުރާ މިންވަރެއްގައި ހުރި ނަމަވެސް އަންނަ އަހަރު އެ އަދަދު %2 އަށް ވުރެ ދަށަށް ވެއްޓޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ކޮރެއާގެ މަރުކަޒީ ބޭންކުން ވަނީ އެކްސްޕޯޓާއި އިންވެސްޓްމަންޓުތައް ދަށްވާނެ ކަމަށް ބުނެ އަންނަ އަހަރަށް ލަފާ ކޮށްފައިވާ އޮތް އިޤްތިސާދީ ދުވެލ ހަލުއި ވާނެ މިންވަރު %2.1 އިން %1.7 އަށް މިދިޔަ މަހު ދަށްކޮށްފައެވެ.
މިސަބަބާ ހުރެ ގައުމުގެ އެތެރޭގައި މުދަލަށް އޮތް ޑިމާންޑު އިތުރުކުރުމަށް ސަރުކާރުން ތެލާއި ކާރު އުފައްދާ ސިނާއަތްތަކަށް ދީފައިވާ ޓެކްސްގެ ލުއިތައް އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް އިތުރު ކުރުމަށް ކޮރެއާގެ މާލީ ވުޒާރާއިން ވަނީ ނިންމާފައެވެ.
ކޮރެއާގެ އިޤްތިސާދު މަޑުޖެހުން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކްސްޕޯޓުގެ މިންވަރު އިތުރުކުރުން ކަމަށް ރައީސް ޔޫން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް ކޮރެއާގެ އެންމެ ބޮޑު އެކްސްޕޯޓު މާކެޓު ކަމުގައިވާ ޗައިނާގެ އިޤްތިސާދު ވެސް ވަނީ ކޯވިޑު ފިޔަވަޅުތައް ފަދަ އެކި ސަބަބުތަކާ ހެދި މަޑުޖެހެން ފަށާފައެވެ.
ދެކުނު ކޮރެއާގެ އަންނަ އަހަރުގެ އިޤްތިސާދީ ލަފާކުރުންތަކާއި ސިޔާސަތުތައް އަންނަ ބުދަ ދުވަހު މާލީ ވުޒާރާއިން އިއުލަނުކުރާނެއެވެ.