ޚަބަރު

ކެމްޕެއިން ފެށުމަށް ރައީސް، ޤައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި


އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ކެމްޕެއިން ފެށުމަށްޓަކައި ޕާޓީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައްދަލު ކުރައްވައިފިއެވެ. ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި މިބައްދަލުވުން އޮތީ ސޯލްޓް ކެފޭގައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާޅު ކުރައްވާފައެވެ. އެމަނިކުފާނާއި އެކީ އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން، ރައީސް ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ޤައުމީ މަޖިލީހުގެ 120 މެމްބަރުންނާއި ރޭ ބައްދަލު ކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ 167 މެމްބަރުންގެ ތެރެއިން 120 މެމްބަރުންވަނީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ރޭގެ ބައްދަލުވުމުގައި ޤައުމީ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގިނަ އަދަދެއްގެ މެމްބަރުންނާއި، އެކި ދާއިރާތައް ތަމްސީލް ކުރާ އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންވެސް ބައިވެރިވިއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކެމްޕެއިން ހަރަކާތްތައް ފައްޓަވައި، އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް ޞާލިހު ވާދަކުރައްވާނެކަން ހާމަކޮށް، ކެމްޕެއިންގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުދާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާން ކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީގައި ބާއްވާއިރު އެޕާޓީން ވަނީ ނިމިދިޔަ ޗެއަޕާސަން އިންތިޚާބަށްފަހު، ޕާޓީގެ ދަފްތަރު ރަނގަޅުކޮށް ހުރި ޝަކުވާތަކަށް ހައްލު ގެނެސްދީފައެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެޕާޓީގައި 58،175 މެމްބަރުން އެބަތިއްބެވެ. ދަފްތަރާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށެވެ. އެގޮތުން އެޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް އެމްޑީޕީން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް ޕްރައިމަރީން ކަނޑައަޅާއިރު، އިދިކޮޅު ޕީޕީއެމްއިން ވަނީ ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓް ޕީޕީއެމްގެ ރައީސް ޔާމީނަށް އަރުވާފައެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.