ޚަބަރު

ފުއްގިރީގެ މައްސަލައިން އިސް ޤާޟީ ޝަކީލް ތަނާޒުލްވެއްޖެ


އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ރ.ފުއްގިރި ކުއްޔަށް ދިން މައްސަލައިގަ ކުރީގެ ރައީސް ޔާމީނާއި، އިތުރު ބަޔަކަށް ކުރާ ދަޢުވާއިން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލް ތަނާޒުލުވެ ވަޑައިގެންފިއެވެ.

ފުއްގިރި މައްސަލައިން ޤާޟީ ޝަކީލް ތަނާޒުލްވެ ވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް މައްސަލައިން ޤާޟީ ޝަކީލް ތަނާޒުލުވެ ވަޑައިގެންނެވީ މިމައްސަލަ ކްރިމިނަލް ކޯޓުގެ ޤާޟީ އަލީ ނަދީމާއި ހަވާލު ކުރެއްވުމަށްފަހުއެވެ.

މިމައްސަލައިގަ އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމައްސަލައިގަ މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައެވެ.

ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިމައްސަލައިން ޤާޟީ ޝަކީލް ތަނާޒުލުވެ ވަޑައިގެންނެވި ނަމަވެސް ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަމުން ގެންދަވަނީ ޤާޟީ ޝަކީލްއެވެ. މިމައްސަލަ މިހާރު އޮތީ ހުކުމް ކުރުމާއި ހަމައިގައެވެ. މިމައްސަލައިގެ ހުކުމް މިމަސް ނިމުގެ ކުރިން ކުރުމަށް ވަނީ ހަމަޖެހިފައެވެ.