އާމްދަނީ އިތުރުވެ އިންޑޮނޭޝިއާގެ ބަޖެޓް ޑެފިސިޓް ކުޑަވެއްޖެ ކަމަށް އެ ޤައުމުގެ މާލީ ވަޒީރު، ސްރީ މުލިޔާނީ އިންދްރަވާތީ ވިދާޅުވެއްޖެއެވެ.
މި ހިނގާ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގެ މާލީ ޑެފިސިޓް ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ %1.22 އާއި އެއްވަރު ކަމަށާއި އެއީ ސަރުކާރުން އެންމެ ފަހުން ލަފާކޮށްފައިވާ ވަރަށް ވުރެ މާ ކުޑަ ޑެފިސިޓެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއީ ރަނގަޅު ފިޒިކަލް މެނޭޖްމަންޓެއްގެ ގޮތުގައި މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ޑިސެމްބަރުގެ މަހުގެ ޑެފިސިޓް ކުޑަވެފައި މިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ބޮޑު ޑެފިސިޓެއް ރެކޯޑުކުރުމަށްފަހުއެވެ.
ޑިސެމްބަރު މަހުގެ މެދުތެރޭގައި އިންޑޮނޭޝިއާގެ މާލީ ޑެފިސިޓް 15.24 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ %1.22 އަށް އަރާ ކަމަށް މާލީ ވަޒީރު އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
މިއީ މުޅި އަހަރަށް ލަފާކޮށްފައިވާ، ޖީޑީޕީގެ %4.5 އާއި ސަރުކާރުން އެންމެ ފަހުން ލަފާކޮށްފައިވާ %3 އަށް ވުރެ ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ މާލީ ޑެފިސިޓް %4.6 އަށް އަރާފައިވާއިރު 2020 ވަނަ އަހަރުގެ މާލީ ޑެފިސިޓް ހުރީ %6.1 ގައެވެ. މި މުއްދަތުގައި އިންޑޮނޭޝިއާގެ ޖުމްލަ އާމްދަނީ 2،479.9 ޓްރިލިއަން ރުޕީސް އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %37 އިތުރު އަދެދެކެވެ. އަދި އާމްދަނީ އިތުރުވާނެ ކަމަށް މިއަހަރު ލަފާކުރި އަދަދަށް ވުރެ ބޮޑު އަދަދެކެވެ. އާމްދަނީ އިތުރުވެފައި ވަނީ މުދަލުގެ އަގު ބޮޑުވުމާއި، ކޯވިޑުގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ކުރިއެރުން ލިބި، ވެލިއު އެޑެޑް ޓެކްސް (ވެޓް) ރޭޓް ބޮޑުވުމުންނެވެ.
ޖުމްލަ ހަރަދު 2،717.6 ޓްރިލިއަން ރުޕީއާ އަށް އަރާފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %12 އިތުރު އަދަދެކެވެ. ނަމަވެސް މިއީ އަހަރުގެ ބަޖެޓުގެ އެންމެ %87.5 އެވެ.
ހުށަހަޅާފައިވާ އާ ކެޕިޓަލް ސިޓީ ބިނާކުރުން ފަދަ މަޝްރޫއުތަކުގެ ބައެއް ފިއުލް ސަބްސިޑީތަކާއި އިންވޮއިސްތައް ދައްކަން ޖެހުމުގެ ސަބަބުން ބަޖެޓާއި ބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް އޮފް ބަޖެޓް އީސާ ރަޗްމަޓަރވާޓާ ލަފާކުރެއްވި ގޮތުގައި މިއަހަރުގެ ފަހު މަސްތަކުގައި ހަރަދުތައް އިތުރުވާނެއެވެ.