ޚަބަރު

ސޯލަރ ޕެނަލް ހަރުކުރަން ބައެއް ގަޑިތަކުގައި ލިންކް ރޯޑުގެ ލޭނެއް ބަންދުކުރަނީ


ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑުގައި ސޯލަރ ހަރުކުރުމުގެ މަސައްކަތަށް، ބައެއް ގަޑިތަކުގައި ލިންކް ރޯޑުގެ މޫދާވީ ފަޅީގެ އެއް ލޭނު ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއްޖެއެވެ.

ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ތައިލޭންޑުގެ ކުންފުންޏެއްކަމަށްވާ އެންސިސް ކޯ ލިމިޓެޑާއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތްކުރުމަށް ލިންކް ރޯޑުގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރުފަހުގެ ވަކި ގަޑިތަކެއްގައި ބަންދުވާނެއެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

● ހެނދުނު: 09:30 އިން 11:30 އަށް
● މެންދުރު: 13:30 އިން 04:30 އަށް

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ލިންކް ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި މަސައްކަތް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެނީ އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުކަމަށެވެ.

މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތައް ކަނޑައަޅާފައިވަނީ ކަމާގުޅޭ އެއްމެހައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ގަޑިތަކުގައި ލިންކް ރޯޑުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ސްޓީލް ސްޓްރަކްޗަރއެއް ޤާއިމުކުރާނެއެވެ. މި ސްޓްރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންނެވެ.

މިއީ މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމް ޤާއިމްކުރާ މަޝްރޫޢެވެ. މިކަމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި މަޝްރޫޢުއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށް، ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.