ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އިގްތިސާދީ ދުވެލި މިއަހަރު މަޑުޖެހޭނެ: ވޯލްޑް ބޭންކް


ޗައިނާގެ އިގްތިސާދީ ދުވެލި މިއަހަރު މަޑުވާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައި ވަނީ ގާތްގަނޑަކަށް 3 އަހަރު ވަންދެން "ޒީރޯ ކޮވިޑު" ސިޔާސަތު ޗައިނާގައި އެކަށައަޅާފައި އޮތުމުގެ ސަބަބުން ރިއަލް އެސްޓޭޓް ދަށްވެ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާތީއެވެ.

ވޯލްޑް ބޭންކުން އަންގާރަދުވަހު އެންމެ ފަހުން ލަފާކޮށްފައިވާ ގޮތުގައި ޗައިނާގެ މިއަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވާނީ އެންމެ %2.7 އަށެވެ. މިއީ ޖޫންމަހު ލަފާކޮށްފައިވާ %4.3 އަށްވުރެ ދަށް އަދަދެކެވެ.

ޗައިނާގެ އިގްތިސާދީ ދުވެލި އަންނަ އަހަރު ހަލުއި ވާނީ %8.1 އަށް ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. މިއާއިއެކު މިއީ އެ ގައުމުގެ އިގްތިސާދީ ދުވެލި އަންނަ އަހަރު ހަލުއިވާނެކަމަށް މީގެކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައިވާ %4.3 އަށްވުރެ ދަށް އަދަދެކެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ އިގްތިސާދީ ހަރަކާތްތަކަށް އަސަރު ކުރާ ކަމަށާއި އަދި ބަލި ފެތުރުމާއި އިގްތިސާދީ ދުވެލި އެއްވަރެއްގައި ކުރިއަރަމުން ނުދާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަންނަ އަހަރު އިގްތިސާދު އަލުން ހުޅުވިގެންދާ ދަނޑިވަޅުގައި ޗައިނާގެ ރިއަލް ޖީޑީޕީ ގްރޯތް %4.3 އަށް އެރުމުގެ ކުރިން މިއަހަރު %2.7 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައިވެއެވެ.

3 އަހަރު ދުވަސް ވަންދެން ޗައިނާއިން ގެންގުޅުނު "ޒީރޯ ކޯވިޑު" ގެ ހަރުކަށި ސިޔާސަތުތަކަށް މަޑުމަޑުން ލުއިދޭނެ ފަށާފައި ވީ ނަމަވެސް އިތުރަށް ހުރި ހުރަސްތަކާއި ކޯވިޑުގެ ބަލަމަޑުކަން އަނެއްކާވެސް ފެތުރެން ފެށުމުން ޗައިނާގެ ވިޔަފާރިތަކަށް އަންނަނީ އިތުރު ދަތިތަކެއް ކުރިމަތިވަމުންނެވެ.

ޗައިނާ، މޮންގޯލިއާ އަދި ކޮރެއާގެ ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު މާރާ ވާވިކް ވިދާޅުވި ގޮތުގައި ކޯވިޑުގެ ބަލިމަޑުކަމަށް ޗައިނާއިން ގެންގުޅޭ ޕެންޑެމިކް ސިޔާސަތުތަކަށް ބަދަލުތައް ގެންނަމުން ދިއުމަކީ އެގައުމުގެ އިގްތިސާދީ ކުރިއެރުމާއި އާންމު ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ އިތުރުން އެހެން ކަންތައްތަކުގެ ސަބަބުންވެސް ޗައިނާގެ އިގްތިސާދަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދު ހީނަރުވަމުން ދިއުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ރިއަލް އެސްޓޭޓް މާކެޓުގެ އޮތް ހަމަނުޖެހުންގަނޑުވެސް ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.