ސްރީލަންކާގެ ނޭޝަނަލް ކޮންސިއުމަރ ޕްރައިސް އިންޑެކްސް، އެންސީޕީއައި އޮކްޓޯބަރު މަހު %70.6 އަށް ދަށްވެފައި ވަނިކޮށް ނޮވެމްބަރު އަނެއްކާވެސް 65% އަށް ދަށްވެފައިވާކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކާބެހޭ ޑިޕާޓްމަންޓުން ބުނެފިއެވެ.
ނޮވެމްބަރުމަހު ކާބޯތަކެތީގެ އަގު %69.8 އަށް އުފުލިފައިވާއިރު، ކާބޯތަކެތި ނޫން ތަކެތީގެ އިންފްލޭޝަން %60.4 އަށް އަރާފައިވާ ކަމަށް އިގްތިސާދީ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައިވާ ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައިވެއެވެ.
ފަސްޓް ކެޕިޓަލްގެ ރިސާޗްގެ ވެރިޔާ ޑިމަންތާ މެތިއު ވިދާޅުވި ގޮތުގައި ނޮވެމްބަރުމަހު ލަންކާގެ އިންފްލޭޝަން ލަފާކުރި ވަރަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާއިރު ކުރިއަށް އޮތް ތަނުގައި މިގޮތަށް އޮތުން އެކަށީގެންވެއެވެ.
މި އަހަރު ނިމޭއިރު އިންފްލޭޝަން %60 އަށް ވުރެ ދަށަށްދާނެ ކަމަށް ލަފާކުރެވޭ ނަމަވެސް އަންނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އިންފްލޭޝަން އަނެއްކާވެސް މަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެތިއު ވިދާޅުވިއެވެ.
ސެންޓްރަލް ބޭންކް އޮފް ސްރީލަންކާގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ލަފާކުރެއްވި ގޮތުގައި މަނިޓަރީ ޕޮލިސީގެ މިހާރުގެ ޓްރެންޑަށް އަމަލުކޮށްފިނަމަ އަންނަ އަހަރު ނިމޭއިރު އިންފްލޭޝަން %4-5 އަށް ދަށްވެދާނެއެވެ.
ކޮންމެ މަހެއް ނިމުމުން ނެރޭ ކޮލަމްބޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީސީޕީއައިއަކީ އިގްތިސާދީ ހާލަތު މާ ރަނގަޅަށް ބަލާ މިންގަޑެކެވެ. ސީސީޕޯއައިއިން ލަންކާގެ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު ވަރަށް ފުޅާކޮށް ބަލައި ލަންކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ، ކޮލޮމްބޯގައި އިންފްލޭޝަން ކުރިއަރަމުންދާ ގޮތް ދައްކައިދެއެވެ.
ނޮވެމްބަރުމަހު ސީސީޕީއައި %61 އަށް ލުއިވެފައިވާކަމަށް މިދިޔަމަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ބޭރު ޤައުމުތަކަށް ދަރާފައިވާ ލޯނުތައް ދައްކައި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ލަންކާއިން މިހާރު އަންނަނީ އައިއެމްއެފްއިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ލަންކާގެ އިންފްލޭޝަން މަތިވަމުން ދާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެއްޖެއެވެ. އިންފްލޭޝަން މަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތި ނުވާހާ ބޮޑު އިގްތިސާދީ ކާރިސާއަކާއި ލަންކާއަށް ކުރިމަތިލާން ޖެހުމެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާ އަށް ފާއިތުވި 70 އަހަރުގެ ތެރޭގައި ދިމާނުވާ ފަދަ ބޮޑު ތަދުމަޑުމަޑުކަމަކާއި މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން ގައުމުގައި ބޭރު ފައިސާގެ ރިޒާވެއް ނެތުން ފަދަ ކަންކަމާ ހެދި ދަރަނި ދެއްކުން ފަދަ އެތައް މައްސަލަތަކަކާއި ލަންކާއަށް ކުރިމަތިލާން ޖެހިފައިވެއެވެ.