ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާގެ އިންޓަރެސްޓް ރޭޓު އަނެއްކާވެސް މަތިކޮށްފި


އިންޑޮނޭޝިއާގެ އިންޓަރެސްޓު ރޭޓު އެ ޤައުމުގެ މަރުކަޒީ ބޭންކުން މަތިކޮށްފިއެވެ. މިއީ އޮގަސްޓުން ފެށިގެން އިންޑޮނޭޝިއާގެ އިންޓަރެސްޓު ރޭޓު ވިދިވިދިގެން މަތިކުރާ 5 ވަނަ ފަހަރެވެ.

ބޭންކް އޮފް އިންޑޮނޭޝިއާ، ބީ.އައި އިން އިންޓަރެސްޓު ރޭޓު މަތިކޮށްފައި ވަނީ %5.50 އަށެވެ. މިއީ ރޮއިޓަރސް ޕޯލްގެ މެޖޯރިޓީ އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ މިންވަރެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ އިންޑޮނޭޝިއާގެ އިންފްލޭޝަން ރޭޓް ސެޕްޓެމްބަރު މަހު ވަނީ ވޭތުވެ ދިޔަ 7 އަހަރު ދުވަހުވެސް ނުދާހާ މައްޗަށް ގޮސްފައެވެ. އެޤައުމުގެ އިންފްލޭޝަން ސެޕްޓެމްބަރު ވަނީ %5.95 އަށް އަރާފައެވެ. އިންފްލޭޝަން މިހާ މަތިވެފައި ވަނީ ސަބްސިޑައިޒް ކޮށްފައިވާ ތެލުގެ އަގު އެ މަހުގެ ކުރީކޮޅު ސަރުކާރުން ބޮޑުކުރުމުގެ ސަބަބުންނެވެ.

އޭގެ ފަހުން އިންފްލޭޝަން ދަށްވި ނަމަވެސް ނޮވެމްބަރު މަހުގެ އިންފްލޭޝަން ހުރީ %5.42 ގައެވެ. މިއީ މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ޓާގެޓް ކަމަށްވާ %2 އާއި %4 އާއި ދެމެދުގެ ރޭންޖަށްވުރެ މަތީ އަދަދެކެވެ.

ބޭންކް އޮފް އިންޑޮނޭޝިއާގެ ގަވަރުނަރު ޕެރީ ވާޖިއޯ ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހު ހެޑްލައިން އިންފްލޭޝަން ގާތްގަނޑަކަށް %5.4 ގައި ދެމިއޮންނާނެ ކަމަށާއި އަންނަ އަހަރު ނިމޭއިރު %3 އަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންޑޮނޭޝިއާގެ އިންޓަރެސްޓް ރޭޓު މަތިކޮށްފައިވާވާއިރު، އެ ޤައުމުގެ އާމްދަނީ އިތުރުވެ، ބަޖެޓް ޑެފިސިޓް ކުޑަވެފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު އެ ޤައުމުން ވަނީ ބުނެފައެވެ.

އެގޮތުން މި ހިނގާ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގެ މާލީ ޑެފިސިޓް ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ %1.22 އާއި އެއްވަރު ކަމަށާއި، އެއީ ސަރުކާރުން އެންމެ ފަހުން ލަފާކޮށްފައިވާ ވަރަށް ވުރެ މާ ކުޑަ ޑެފިސިޓެއް ކަމަށްވެސް އިންޑޮނޭޝިއާ އިން ވަނީ ބުނެފައެވެ.