ވިޔަފާރި

ބޭނުން ނުކުރާ އެކައުންޓުތައް އެޗްބީއެލް އިން އުވާލަނީ


ހަބީބް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެއްވެސް މުޢާމަލާތެއް ނުކުރާތާ 5 އަހަރު ވެފައިވާ އެކައުންޓްތައް ކެންސަލްކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.ހަބީބް ބޭންކުން ވަނީ މިފަދަ ފައްސަތޭކަ ނުވަދިހައަށްވުރެ ގިނަ އެކައުންޓެއް އުވާލުމަށްޓަކައި އެ އެކައުންޓްތަކުގެ ނަންތައް ހިމެނޭ ނޯޓިސްއެއް ނެރެފައެވެ. ގެޒެޓްގައި ޝާއިޢުކޮށްފައިވާ މި ނޯޓިސްގައި ވަނީ މި އެކައުންޓްތަކުގެ ވެރިފަރާތްތަކަށް 2 މަސްދުވަހުގެ މުއްދަތެއް ދީ، މި މުއްދަތުގައި އެއިން ފަރާތަކުން އެ އެކައުންޓެއް ދަމަހައްޓަންޖެހޭ ކަންކަން ނުކުރާނަމަ އެފަރާތެއްގެ އެކައުންޓް އުވާލެވޭނެކަމަށެވެ. އަދި  އެކައުންޓް ބަންދުކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ތިރީސް ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މިއަހަރުގެ އޭޕްރިލްމަހުގެ 17 ވަނަ ދުވަހު އެ އެކައުންޓުތަކުގައިވާ ހުރިހާ ފައިސާއެއް ފޮނުވޭނެކަމަށްވެސް މި ނޯޓިސްގައިވެއެވެ.ރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ވިދި ވިދިގެން 5 އަހަރުދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓުން އެއްވެސް މުޢާމާލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާޢަތުތައް ފުރިހަމަކުރުމަށްފަހު އެ އެކައުންޓް އުވާލެވިދާނެކަމަށެވެ. އަދި މިޙާލަތުގައި އެފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާ އެމް.އެމް.އޭގައި އޮންނަ ޚާއްޞަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމް.އެމް.އޭއާ ހަވާލުކުރަންޖެހޭނެ ކަމަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.