އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެން އެންޓޯނިއޯ ސްޕާސްއާ ދެކޮޅަށް ކުޅުނު މެޗު ނިއު އޯލިއަންސް ޕެލިކަންސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ޕެލިކަންސް ކާމިޔާބުކޮށްފައިވަނީ 126 ޕޮއިންޓް 117 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕެލިކަންސްގެ ސީޖޭ މެކޮލަމްވަނީ 40 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްގެ ޖެރެމީ ސޯޝާންވަނީ 23 ޕޮއިންޓް ހޯދާދީ 9 ރީބައުންދް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އާންމުކޮށް ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސްޕަރސް މިފަހަރުގެ ސީޒަަންގައި މާއެދެވޭ ކުޅުމެއް ދެއްކެމުންނެއް ނުދެއެވެ. މިގޮތުން މިހާތަނަށް 31 މެޗް ކުޅުނު އިރު މޮޅު ވެވިފައިވަނީ 10 މެޗުންނެވެ.
މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެެވެ. މިމެޗްގައި ޖޭޒްގެ ޖޯޑަން ކްލަރކްސަންވަނީ 23 ޕޮއިންޓް ހޮދާދީ 7 ރިބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ބްރެޑްލީ ބީލްވަނީ 30 ޕޮއިންޓް ހޯދާދީ 5 ރީބައުންދް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.