ޚަބަރު

ޕްރޮކިއުމަންޓް އުޞޫލާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ: އެމްއޭސީއެލް


ކުންފުނީގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ އެއްވެސް އުޞޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ވިދާޅުވެއްޖެއެވެ.

އެމް.އޭ.ސީ.އެލުން މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ޝާއިޢުކޮށްފައިވާ ލިޔުމަކާގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެމް.އޭ.ސީ.އެލްއިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ އިންޝުއަރެންސްތައް ހޯދުމަށްޓަކާ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކުރިއަށްގެންދިޔަ ޕަބްލިކް ޓެންޑަރ ޕްރޮސެސް ހުއްޓާލާ، ހުރިހާ ބިޑްތަކެއް ކެންސަލްކޮށް ޓެންޑަރ ޕްރޮސެސް ބާޠިލުކޮށްފައިވާކަމަށެވެ.

މިގޮތަށް ނިންމީ، ޕްރޮކިއުމަންޓް ޕްރޮސެސްއާއި އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އެއީ އެކުންފުނިން ޢަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީއާއި ޓެންޑަރ ޑޮކިއުމަންޓުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމެވި ނިންމެވުމަށްކަމަށްވެސް އެމް.އޭ.ސީ.އެލުން ވިދާޅުވިއެވެ.

އިންޝުއަރެންސް ޕޮލިސީތަކުގެ މުއްދަތު ހަމަވުމަށް ވަގުތު ކުޑަތަންވެފައިވާތީ، އަލުން ޓެންޑަރަށް ހުޅުވާލުމުގެ ފުރުޞަތު ނެތުމުން، އެމް.އޭ.ސީ.އެލުން ވަނީ ސަރުކާރުގެ އަޤުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއްގެ ސަބްސިޑިއަރީ އިންޝުއަރެންސް ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް މި މަސައްކަތް ޙަވާލުކޮށްފައެވެ.

މިގޮތަށް ނިންމީ، ކުންފުނިން ޢަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ގޮތްކަމަށްވާތީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމް.އޭ.ސީ.އެލުން ވަނީ މި މުޢާމަލާތްތައް ހިންގުމުގައި ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ އެއްވެސް އުޞޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ އެއްވެސް ޢަމަލެއް ކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހިނގާފައިވާގޮތް ކަމާބެހޭ އިދާރާތަކުން ބެލުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.