އެމެރިކާގައި އާންމުން ޚަރަދުކުރާ މިންވަރު މިދިޔަ ނޮވެމްބަރު މަހު ވަރަށް ކުޑަ މިންވަރަކަށް އިތުރުވެފައިވާ ވާއިރު، ވޭތުވެދިޔަ 13 މަސް ދުވަހުގެ ތެރޭގައި އިންފްލޭޝަން މަތިވަމުންދާ ދުވެލި މަޑުވެފައިވާ ކަމަށް އެޤައުމުގެ ކޮމާސް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އިންފްލޭޝަން މަތިވަމުންދާ ދުވެލި މަޑުވި ނަމަވެސް، ކުރިއަށް އޮތް އަހަރު ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓް މަތި ނުކުރެވޭނެ ވަރަށް، އަވަހަށް ޑިމާންޑް ދަށްވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އެ ޑިޕާޓުމަންޓުން ބުނެއެވެ.
"ފެޑްގެ ނަޒަރުން ބަލާއިރު އިޤްތިޞާދު ދަނީ ރަނގަޅު ދިމާލަކަށް ނަމަވެސް އެކަށީގެންވާ އަވަހަކަށް ނޫން" ޕެންސިލްވޭނިއާގެ ޕިޓްސްބާގްގައި ހުންނަ ޕީއެންސީ ފައިނޭންޝަލްގެ ޗީފް އިކޮނޮމިސްޓް ގަސް ފޯޗާ ވިދާޅުވިއެވެ.
އެމެރިކާގެ އިޤްތިޞާދީ ހަރަކާތުގެ 3 ބައި ކުޅަ 2 ބަޔަށްވުރެ ބޮޑު ބައެއް ޙިއްސާކުރާ ކޮންސިއުމަރ ސްޕެންޑިންގ ނޮވެމްބަރު މަހު ވަނީ %0.1 އަށް އިތުރުވެފައެވެ. ރޮއިޓަރސްގެ ޕޯލުގައި ބައިވެރިވި އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންސިއުމަރ ސްޕެންޑިންގ %0.2 އަށް އިތުރުވާނެއެވެ.
ޚަރަދުކުރުން އިތުރުވެފައި ވަނީ މުދަލުން ޚިދުމަތަށް ޑިމާންޑް ބަދަލުވުމާއި ބައެއް މުދަލުގެ އަގު ބޮޑުވުން ލަސްވުމުންނެވެ. އަދި މޮޓޯ ވެހިކަލް ގަންނަ މިންވަރު ދަށުވުމުގެ ސަބަބުން ގިނަ ދުވަހު ބޭނުންކުރެވޭ ތަކެއްޗަށް ޚަރަދުކުރާ މިންވަރު ނޮވެމްބަރު މަހު ވަނީ %2.3 އަށް ދަށްވެފައެވެ.
މީގެއިތުރުން، ގޭތެރޭގެ ސާމާނާއި އެހެނިހެން ސާމާނުގެ އިތުރުން މުނިފޫހިފިލުވުމަށް ބޭނުންކުރާ އާލާތްތަކަށާއި، ޚަރަދު ކުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. ޕާސަނަލް ކޮންސަމްޕްޝަން އެކްސްޕެންޑިޗާސް، ޕީސީއީ ޕްރައިސް އިންޑެކްސް އޮކްޓޯބަރު މަހު %0.4 އަށް މަތިވެފައިވާއިރު، މިދިޔަ މަހު ވަނީ %0.1 އަށް އިތުރުވެފައެވެ. ކާބޯތަކެތީގެ އަގު %0.3 އިތުރުވެފައިވާއިރު، މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ލިބުނު އެންމެ ކުޑަ ކުރިއެރުމެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް 12 މަސް ދުވަހުގެ ތެރޭގައި ޕީސީއީގެ އަގު އިންޑެކްސް ވަނީ %5.5 އަށް އިތުރުވެފައެވެ. އެއީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަހަރަކު ލިބުނު އެންމެ ކުޑަ ކުރިއެރުމެވެ. ވޮލަޓައިލް ފުޑް އެންޑް އެނާޖީ ކޮމްޕޯނެންޓްތައް ނުހިމަނައި، އޮކްޓޯބަރު މަހު ޕީސީއީ ޕްރައިސް އިންޑެކްސް ވަނީ އޮކްޓޫބަރު މަހު %0.3 އަށް އިތުރުވުމަށްފަހު ނޮވެމްބަރު މަހު %0.2 އަށް އިތުރުވެފައިވެއެވެ.
އެމެރިކާގެ އިންފްލޭޝަން ދަށްވަމުން އަންނާތީ އެކަމަށް މަރުޚަބާ ކިޔައި އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި މިވަގުތު އިންފްލޭޝަން ދަށްވަމުން އައި ނަމަވެސް ކުރިއަށް އޮތް ތަނުގައި އަނޑި ގުނޑަންތައް އަންނާނެއެވެ. އަދި އެމެރިކާއިން މަސައްކަތް ކުރަނީ ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށް ކަމަށާއި އެކަމަށް ވަރަށް އުންމީދު ބޮޑު ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.