ކުޅިވަރު

ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަނުންނަކީ ކުޑަ އައްޔަ އާއި އާމިން


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި އެމްޓީސީސީ ގައުމީ ބޮޑީބޯޑިން ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދިއިރު، ޖޫނިއާ އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ބޮޑީބޯޑިންގެ ތާރީހުގައި މިހާތަނަށް އަލަށް ބޭއްވި މުބާރާތެކެވެ. އަހަރުދުވަހަށް ބަހާލައިގެން ބޭއްވި މި ލީގުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ހުކުރު ދުވަހު ނިމުނު ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފައިނަލް ހީޓުގައި އަހުމަދު ނަޒްމީން އާއި ވާދަކޮށް ފަސޭހަކަމާއެކު އެވެ. ފައިނަލުގައި އަހުމަދު ނަޒްމީންއާ ވާދަކޮށް ކުޑަ އައްޔަ ވަނީ 12:00 ސްކޯ ކޮށްފައެވެ. ފައިނަލް ހީޓުގައި ނަޒްމީން އަށް ލިބުނީ 6.81 އެވެ.

ކުޑަ އައްޔަ ޤައުމީ ޗެމްޕިއަންކަން ހޯދާފައިވަނީ ޤައުމީ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ލިބޭ ގޮތަށް މި އަހަރު ކުރިއަށްދިޔަ ތިން މުބާރާތް ކަމަށްވާ ބުރުނުޝިކާރު ޗެލެންޖާއި މޯލްޑިވްސް ޕްރޯ ޓަރަޔަލްސް ގައުމީ ބަނޑުފިލާ ޗެލެންޖުގެ އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.

ފިރިހެން އޯޕަން ބައިގެ ތިންވަނަ ހޯދާފައިވަނީ އުއްމީދީ ބޮޑީބޯޑަރ އާމިން އެވެ. ތިންވަނަ ހޮވި ހީޓު އާމިން ކާމިޔާބުކޮށްފައި ވަނީ އަޝްރަފް ހަސަން އަތުން ކުޑަ ތަފާތަކުންނެވެ. އާމިން 10.57ގެ ސްކޯއެއް ހޯދިއިރު، އަޝްރަފް އަށް ހޯދުނީ 10.33ގެ ސްކޯއެކެވެ. ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އާމިން އެވެ. އެއީ ފައިނަލުގައި މުހައްމަދު ޖަރީޝް ޖިހާދު ބަލިކޮށްގެންނެވެ.

ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދީވެސް ކުޑަ އައްޔަ އެވެ. ކުޑައައްޔަ ޗެމްޕިއަންކަން ހޯދީ އަލީ ޝާމް ރާފިއުއާ ވާދަކޮށް 12.33ގެ ސްކޯ އަކުންނެވެ.

މީގެއިތުރުން މުޅިން އަލަށް ބޭއްވި މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝިމާން އެވެ.