ކުޅިވަރު

އުފާފާޅުކުރުމުގައި މާޓިނޭޒް ގެންގުޅުނު ބައެއް އަމަލުތަކާ ގުޅޭގޮތުން އެމެރީ އޭނާއާ ވާހަކަދައްކަނީ


ފީފާ ވޯލްޑް ކަޕް 2022 ގެ ތަށި އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އުފާފާޅުކުރުމުގައި ގެންގުޅުނު ބައެއް އަމަލުތަކާ ގުޅޭގޮތުން އޭނާއާ ވާހަކަދައްކަން ގަސްދުކުރާކަމަށް އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

ވާރލްޑް ކަޕްގެ ކާމިޔާބިއަށްފަހު މާޓީނޭޒްގެ ބައެއް އަމަލުތައް ހުރިގޮތުން މީހުންގެ ފާޑުކިޔުންވަނީ އޭނާއަށް މާޒުވެފައެވެ. މިގޮތުން އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ކީޕަރުގެ އިނާމް ލިބުނުން ސްޓޭޖްމަތީ އަމަލު ކުރި ގޮތާއި ފަރަންސޭސިވިލާތުގެ ފޯވަޑް ކިލިއަން އެމްބާޕޭއަށް ދިމާކުރުމުގެ ގޮތުން ކުރި ބައެއް ކަންތައްތައް ފާހަގަ ކުރެވެއެވެ.

އެމްރީ ހާމަކުރިގޮތުގައިބައެއް ފަހަރު ބޮޑެތި ކާމިޔާބީތައް ލިބުމުން ކުޅުންތެރިންނަށް އެކުޅުންތެރިންގެ އިހްސާސްތައް ކޮންޓްރޯލް ކުރުމުގައި ދަތިތަކާ ކުރިމަތިވުމަކީ ވާކަމެއް ކަމަށެވެ. އަދި މާޓިނޭޒްގެ ފަރާތުންވެސް އޭނާ ގަބޫލް ކުރާގޮތުގައި ފެނިގެންދިޔައީ އެފަދަ އަމަލްތަކެއް ކަމަށެވެ. އެހެން ކަމުން މިއަންނަ ހަފްތާގައި އޭނާ އެނބުރި ކްލަބާއި ގުޅުމުން އޭނާ އާއި ވާހަކަ ދައްކަން ގަސްދު ކުރާކަމަށް އެމްރީ ހާމަކުރިއެވެ. މާޓިނޭޒް ހޯދި ކާމިޔާބީއަށް މުޅި ޓީމްވެސް ފަހުރުވެރިވާކަމަށެވެ. ޤައުމީ ޓީމާއެކު ވާރލްޑް ކަޕް ހޯދުމަކީ ކުޅުންތެރިއަކަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީ ކަމަށްވެސް އެމްރީ ހާމަކުރިއެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި އާޖެންޓީނާވަނީ ޕެނަލްޓީ ޖަހައިގެން ފަރަންސޭސީން 4 ލަނޑު 2ލަނޑުން ބަލިކޮށް ވާރލްޑް ކަޕްގެ ތަށި ތިންވަނަ ފަހަރަށް އުފުލާލާފައެވެ. އަދި މެޗަށްފަހު ޑްރެސިންގ ރޫމް ގައި މާޓިނޭޒްވަނީ އެމްބާޕޭގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުމަށްވެސް ގޮވާލާފައެވެ. އަދި އިތުރަށް ދިމާކުރުމުގެ ގޮތުން އާޖެންޓީނާއިން ބޮއިނޮސްއައިރިސްގައި ބޭއްވި ބަސް ދަތުރުގައި މާޓިނޭޒްހުރީ އެމްބާޕޭގެ ސިފަ ޖަހާ ކުޑަ ބުދެއް އަތުތެރެއަށް ލައިގެންނެވެ.

މިކަންތައްތަކާއ ިގުޅިގެން ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްވަނީ އާޖެންޓީނާގެ އެސޯސިއޭޝަންގެ ރައީސްއަށް މިކަންތައްތައް ފާހަގަކޮށް ސިޓީއެއްވެސް ފޮނުވާފައެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި މާޓިނޭޒް ގެންގުޅުނު އުކުޅުތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ ބައެއް ކުޅުންތެރިން އިތުރަށް ހާސް ކުރިކަމަށްވެސް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް ގިނަ ބަޔަކު ހާމަކުރާގޮތުގައި މިފައިނަލްގައި ދެއްކި ކުޅުމަށް މާޓިނޭޒް ފަހުރުވެރިވެ އުފާފާޅު ކުރުން ހައްގު ކަމަށް ގަބޫލް ކުރާއިރު އެމެޗްގައި އެމްބާޕޭ މެޗް ތެރޭގައި މާޓިނޭޒް ކޮޅަށް ތިން ލަނޑު ޖަހާ ހެތްރިކް ހަދާފައިވާއިރު ޕެނަލްޓީ ޝޫޓް އައުޓްގައިވެސް ޕެނަލްޓީ ވައްދާލައިފާވުމުން އޭނާ އާއި ދިމާކުރުމުގެ ފުރުސަތެއް ނެތެވެ.

އެމްރީ ހާމަކުރިގޮތުގައި މާޓިނޭޒް މިއަންނަ ހަފްތާގައި އެނބުރި އަންނާނެ ކަމަށެވެ. އަދި މިވަގުތު ބޭނުންވަނީ މާޓިނޭޒް ހޯދި ކާމިޔާބީއަށްފަހު އޭނާ ފުރިހަމައަށް އަރާމު ކުރަންކަމަށްވެސް އެމްރީ ފާހަގަ ކުރިއެވެ.