ކުޅިވަރު

ކޯޗާ ޖެހުނު މައްސަލައަށްފަހު އޮނާނާ ކެމެރޫން ޓީމަށް ކުޅުން ހުއްޓާލައިފި


ފީފާ ވޯލްޑް ކަޕް 2022 ގެ ތެރޭގައި ކޯޗާއެކު ޖެހުނު މައްސަލައަށްފަހު ކެމެރޫން ގައުމީ ޓީމުގެ ގޯލްކީޕަރު އަންޑްރޭ އޮނާނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ކެމެރޫންގެ ކޯޗް ރިގޮބައަރ ސޮންގ އާއި ޖެހުނު މައްސަލަ އާއި ގުޅިގެން އޮނާނާވަނީ ވާރލްޑް ކަޕްގެ ތެރޭގައި ޤައުމީ ޓީމް ދޫކޮށް ގޮސްފައެވެ.

ސޮންގ ހާމަކުރިގޮތުގައި އޮނާނާ ވަނީ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗްގައި ސަރބިއާ އާއި ދެކޮޅަށް ކުޅެން ބޭނުން ނުވާކަމަށް ހާމަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އޭނާ ޤައުމީ ޓީމުން ސަސްޕެންޑް އެހެން އެއްވެސް މެޗެއްގައި ނުކުޅުވާން ނިންމިއެވެ. އުުމުރުން 26 އަހަރުގެ އޮނާނާ ހާމަކުރިގޮތުގައި ކެމެރޫން ޤައުމީ ޓީމާއި އެކު އޭނާގެ ދަތުރު މިހާރު ނިމުމަކަށް އައީ ކަމަށެވެ.

އިޓާލިއަން ސެރީއާގެ އިންޓަރ މިލާނަށް ކުޅެމުންދާ އޮނާނާ ހާމަކުރިގޮތުގައި ކުޅުންތެރިން އައިސް ގޮސް ހަދާނެކަމަށާއި ނަމަވެސް ކެމެރޫން އަންނާނީ އެއްވެސް ކުޅުންތެރިއެއް ނުވަތަ މީހަކަށްވުރެ ކުރިއަށް ކަމަށެވެ. އަދި ޤައުމީ ޓީމާއި ދުރަށް ދިޔަ ނަމަވެސް އޭނާގެ ހިތުގައި ޤައުމަށާއި ޤައުމީޓީމަށް އަދި ކެމެރޫންގެ ރައްޔިތުންނަށް ދެވިފައިވާ ޖާގައަށް އެއްވެސް ފަނޑުކަމެއް ނާންނާނެކަމަށެވެ. އޮނާނާ ޤައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ވަނީ 34 މެޗް ކުޅެދީފައެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ކެމެރޫންވަނީ ގްރޫޕް މަރުހަލާއިން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.