ކުޅިވަރު

ކެޔޮދޫ ބަލިކޮށް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން ސީއެޗްއެސްއީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ ހޯދީ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ސީއެޗްއެސްއީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ފަސް ޓީމުގެ މެދުގައި މި ފަހަރު ކުރިއަށްދިޔަ 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކެޔޮދޫ ސްކޫލް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. ސީއެޗްއެސްއީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ވިލާ ހައި ސްކޫލާއި ވާދަކޮށް ޕެނަލްޓީން ކުރިހޯދައިގެންނެވެ.

ފައިނަލް މެޗުގައި ސީއެޗްއެސްއީން ޖެހި ހަތަރު ލަނޑު ވެސް ފެނިގެންގޮސްފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މުހައްމަދު ފައިޒާން ފަޒީން ކާމިޔާބުކުރި އިރު ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ޔާޒިން މަހްދީއެވެ.

މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި ފައިޒާން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު ހަތަރުވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަޔާނެވެ. މެޗުގައި ކެޔޮދޫ ސްކޫލުގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފުގައެވެ. މި ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝާއިގު އާދަމް މުހައްމަދެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މުހައްމަދު އައިހަމް ހޮވުނުއިރު މުބާރާތުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ދައްޔާން އަހުމަދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސީއެޗްއެސްއީގެ ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. މުޅި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކެޔޮދޫ ސްކޫލެވެ.