ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށާއި އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ) ގެ އެގްޒެގެޓިވް ޑިރެކްޓަރ ވިކްޓާ ބޮލޮގަން ރާއްޖެ ވަޑައިގެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށްފި އެވެ.
މި ދަތުރުގައި ވިކްޓާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފާއި ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޝިޔާން އާއެވެ. މި ބައްދަލުކުރެއްވުމުގައި ވިކްޓާ ވަނީ ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު އަހުމަދު މަހުލޫފަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ރާއްޖޭގައި ރާޒުވާ ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ރާޒުވާގެ ޓްރެއިނިންތައް ކުރިޔަށްގެންދާނެ ހަރުދަނާ ސިސްޓަމެއް ޤާއިމުކުރުމާ، ދިވެހި ކުޅުންތެރިން އިތުރު ހަރުފަތެއް ކުރިޔަށްޖެއްސުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި މަހްލޫފް ވަނީ ރާއްޖޭގައި ބައިނަލްއަޤްވާމީ ރާޒުވާ މުބާރާތްތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޖަލުތަކާއި ސްކޫލުތަކަށް އަމާޒުކޮށް ފިޑޭ އިން ރާވާ ޕްރޮގްރާމްތަކުގެ ދަށުން ރާއްޖޭގައި ވެސް އެ ޕްރޮގްރާމްތައް ފެށުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށް ފަހު ވިކްޓާ ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެމްއޯސީގެ ރައީސް އަހުމަދު އަބްދުއްސައްތާރު، ނައިބު ރައީސް އަހުމަދު އިސްމާއީލް އާއި މުހައްމަދު ތޮލާލުގެ އިތުރުން ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހްމަދު ސައީދު އާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ރާޒުވާ ތަރައްގީކުރުމާ ބެހޭ ގޮތުންނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަދާކުރަމުން އަންނަ މުހިއްމު ދައުރާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު ވިކްޓާ ވަނީ ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް އަމާޒުކޮށް ކާމިޔާބު ވޯކްޝޮޕެއް ބާއްވާފައެވެ. މި ވޯކްޝޮޕުގައި ގިނަ އަދަދެއްގެ އުއްމީދީ ކުޅުންތެރިން ބައިވެރިވިއެވެ.