ޚަބަރު

"އެދުވަހުވެސް ރައްޔިތުންގެ ޙައްޤުގައި އިސްކުރެއްވީ އިންސާނިއްޔަތުކަމުގެ ނަމޫނާ"


ފެންނަން އޮތް ދިވެހިރާއްޖޭގެ ދެހާސް ފަސްސަތޭކަ އަހަރަށް ވުރެ ދިގު ތާރީޚުގައިވެސް ރެކޯޑް ކުރެވިފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާއަކީ، 26 ޑިސެމްބަރު 2004 ގައި ހިނގި ސުނާމީ ކާރިސާއެވެ.

82 މީހުން މަރުވެ، 26 މީހަކު ގެއްލުނު އެކާރިސާއަކީ، ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ޤައުމުގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ބިރުވެރި ކާރިސާއެކެވެ.

އާދެ، އެއީ ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރުވެސް ވާދަވެރި، ހަލަބޮލި އަދި ސިޔާސީ ޙަރަކާތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރި އިތުރުވެފައި އޮތް ދުވަސްވަރެކެވެ. ބޯމަތީ އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެކި ދާއިރާތަކަށް ވާދަކުރެއްވި ކެނޑިޑޭޓުން އުޅުއްވީ ކެމްޕޭން ހަރަކާތްތަކުގައި އަވަދިނެތިއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު އޭރު ހުންނެވީ އަމިއްލަފުޅު އުފަންރަށް ޅ. ހިންނަވަރުގައެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވީ އާދިއްތަ ދުވަހަކީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދެ ދަރިކަލުން ރަށަށް ވަޑައިގަތް ދުވަސްވެސްމެއެވެ. އަނބިކަނބަލުންނާއި ދެ ދަރިކަލުން ރަށަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓްފަހެވެ. އަމިއްލަފުޅު ގެކޮޅު ނޫރާނީއާގޭ ކުރިމަތީ ހުންނަވަނިކޮށް އަތިރިމަތިން މުސްކުޅިފުރައިގެ އަންހެނަކު އަތްހޫރާތަން އެމަނިކުފާނަށް ފެނިވަޑައިގަތެވެ. އޭރުވެސް މިވެގެންއުޅޭގޮތެއް އެހާ ސާފެއްނޫނެވެ. އޭނާގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފެނުމުން، ވެގެންއުޅޭގޮތެއް ސާފުކުރެއްވުމަށް ރައީސް ޞާލިޙުވެސް ބޭނުންވެވަޑައިގަތެވެ.

އެދިމާލަށް ނުދެވި އުޅެނިކޮށް އެމަނިކުފާނަށް ފެނިވަޑައިގަތީ އިތުރު މީހަކު ރަށު އޮފީހާއި ދިމާލަށް ދުވެފައި އަންނަ މަންޒަރެވެ. އޭރު ކަނޑުގެ ލޮނުގަނޑު ކެކިގަނެގެން މުޅި ރަށުތެރެއަށް އަރައިގެން އަންނަ ތަން ފެނެއެވެ. އެމަނިކުފާނުގެ ގެކޮޅުވެސް ހުންނަނީ ރަށު އޮފީހާއި ކައިރީގައިކަމުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެންގަނޑު އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅަށްވެސް ވަދެއްޖެއެވެ.

ކެމްޕޭނު ހަރަކާތްތައް އެއްފަރާތްކުރުމަށްފަހު ނިކުންނެވީ ޤައުމީ ޚިދުމަތަށް!

ސުނާމީގެ ބިޔަ ރާޅުތަކުން މުޅި ހިންނަވަރު ވަށާލުމާއެކު ރައީސް ޞާލިޙުވެސް އަވަސްވެވަޑައިގަތީ، އަމިއްލަފުޅު އާއިލާއާއި، ރަށުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށެވެ.

ރަށުގައި ހުންނެވީ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށްކަމަށްވީ ނަމަވެސް، އެކަން އެއް ފަރާތްކުރައްވާ، ކުރިއަށް ނެރުއްވީ އިންސާނިއްޔަތުކަމެވެ. އިސްކުރެއްވީ، އާއްމުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކޮށްދެވެންހުރި މަސައްކަތްތައް ކުރުމަށެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި ކުރެއްވުމަށް އެމަނިކުފާނު ނިކުމެވަޑައިގަތެވެ.

ސުނާމީ ކާރީސާގައި ހިންނަވަރަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ރަށުގެ އެތައް ބައެއްގެ ގޯތިގެދޮރަށާއި، އަގުބޮޑެތި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ބައެއްގެ ފަރާތުން އެހީތެރިކަން ލިބޭނެ އިރެއްގެ އިންތިޒާރުގައި މަޑުނުކުރައްވާ، އަމިއްލަފުޅު ކެރިފޯރުންތެރިކަން ހުރި މިންވަރުން، ރަށުގެ ރައްޔިތުންނަށް އެމަނިކުފާނު ގެންދެވީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ފިހާރައިން އަމިއްލަފުޅަށް މުދާ ބައްލަވައިގަތުމަށްފަހު، ރަށުގެ ރައްޔިތުންނަށް ތަކެތި ބެއްސެވިއެވެ.

މިކަމުގައި އެމަނިކުފާނާއި ޚިޔާލު ތަފާތު ނުވަތަ ވާދަވެރި ފަރާތަކަށް ނުބައްލަވައެވެ. އެއްވެސް ތަފާތުކުރުމެއްނެތި، ބޭނުންޖެހުނު ހަމަ ކޮންމެ ރައްޔިތަކަށްވެސް އެމަނިކުފާނު ގެންދެވީ އެހީތެރިކަމުގެ އަތް ދިއްކޮށްލަމުންނެވެ. އެދުވަހު ރަށަށް ލިބުނު ގެއްލުންތަކުގެ ވީޑިއޯ ނަންގަވާ، ޓީވީއެމްއާއި އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

މިއީ ސުނާމީގެ ބިރުވެރި ކާރިސާގެ ތެރޭ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ތަޖުރިބާފުޅެވެ.

ވެރިކަމަށްވަޑައިގެން އެންޑީއެމްއޭ އުފައްދަވާ، މުހިއްމު ބަދަލުތަކެއް!

ސުނާމީ ކާރިސާ ވެގެންދިޔައީ، ގުދުރަތީގޮތުން ދިމާވާ އެކި ކަހަލަ ކާރިސާތަކާއި، ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، ކަމާބެހޭ އުޞޫލުތައް ހަރުދަނާކޮށް، އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރަންޖެހޭކަން ހާމަވެގެންދިޔަ ކާރިސާއަކަށެވެ.

ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ފުރަތަމަ ފަހަރަށް ސެންޓަރެއް ވުޖޫދުވެގެން އައީ މި ކާރިސާގެ ތެރެއިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިންނެވެ.

އޭގެ ފަހުން ކުރެވުނު ތަފާތު މަސައްކަތްތަކަށްފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" ވުޖޫދުވެގެން އައީ 6 ސެޕްޓެމްބަރު 2015 ގައެވެ. މި ޤާނޫނުގައި ކާރިސާއާބެހޭ ކަންކަން ޤައުމީ ފެންވަރެއްގައި ބެލެހެއްޓުމަށްޓަކާ ޚާއްސަ އޮތޯރިޓީއެއް އުފައްދަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ވެރިކަން ނިމިގެންދިޔައިރުވެސް އެ އޮތޯރިޓީއެއް އުފައްދަވާފައިނުވެއެވެ.

މި ޤާނޫނު ވުޖޫދުވިތާ ގާތްގަނޑަކަށް 3 އަހަރުފަހުން، ޤާނޫނުގައި ބަޔާންކޮށްފައިވާ އޮތޯރިޓީ އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުގައި 31 ޑިސެންބަރު 2018 ގައެވެ. މިއީ ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސް ޞާލިޙު ދެއްވާ އަޙައްމިއްޔަތުކަން ހާމަވާކަމެއްކަމަށް އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވިއެވެ.

ސެންޓަރަކުން އޮތޯރިޓީއަކަށް ބަދަލުވެގެންއައުމާއެކު ޤާނޫނީ ބާރުވެރިކަން ލިބި، މި ދާއިރާއިން ކުރެވޭ މަސައްކަތްތައްވެސް އެތައްގޮތަކުން އިތުރުވެ ހަރުދަނާކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"އެން.ޑީ.އެމް.އޭ އުފެއްދެވުމާއެކު އަޅުގަނޑުމެން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި. ކުރިން ރިކަވަރީއަށް ކުރަމުން އައި މަސައްކަތްތަކުގެ ފޯކަސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަނަށް ބަދަލުވެ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދާއިރާގައި ވަރަށް ފުޅާކޮށް އެކިއެކި މުއައްސަސާތަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ. ޤާނޫނީގޮތުން ބާރުވެރިވުމުގެ ސަބަބުން މުއައްސަސާތަކާއެކީގައި ގުޅިގެން ކުރަންޖެހޭ މަލްޓި ކޯޑިނޭޓިންގ އެޖޭންސީ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް ކުރެވުނު" ހިސާން ވިދާޅުވިއެވެ.

ކާރިސާތަކުން އަރައިގަތުމަށް ދެވޭ މާލީ އެހީ އެތައްގުނައެއް އިތުރު!

ތަފާތު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީގެގޮތުގައި ދެވޭ މިންވަރުވެސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން އެން.ޑީ.އެމް.އޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން އެން.ޑީ.އެމް.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރާއި އަޅާބަލާއިރު، ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ގާތްގަނޑަކަށް %974 ވަނީ އިތުރުވެފައެވެ.

2018 ވަނަ އަހަރު ކާރިސާތަކާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދީފައިވަނީ 422،199 (ހަތަރު ލައްކަ ބާވީސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާގެ މާލީ އެހީއެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރު ދިމާވި އެކިއެކި ހާދިސާތަކުން އަރައިގަތުމަށް 4،533،865 (ހަތަރު މިލިއަން ފަސް ލައްކަ ތިރީސް ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާގެ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މިއީ ކޯވިޑް-19ގައި ފޯރުކޮށްދިން އެހީތައް ނުހިމަނާކަމަށް އެން.ޑީ.އެމް.އޭއިން ފާހަގަކުރެއެވެ.

2018 އިން 2021 އަށް ރިޕޯޓްކުރެވުނު ހާދިސާތައް:

* ރަށްގިރުން : 179
* ނަގޫ ރޯޅި / ތޫފާން : 64
* ފެންބޮޑުވުން : 35
* އަލިފާން : 32
* އުދަ އެރުން : 25
* ގަދަ ވައި : 16

އެން.ޑީ.އެމް.އޭގެ ކާރިސާތަކާގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން %68 ރަށްތަކަކީ ކާރިސާތަކަށް ވަރަށް ނާޒުކު ރަށްތަކެވެ. މީގެ ތެރެއިންވެސް ބޮޑެތި ހާދިސާތައް އެންމެ ގިނައިން ހިނގުމުގެ ފުރުޞަތު އޮތްކަމަށް ދައްކަނީ ވެރިރަށް މާލޭގައެވެ. ދިމާވާ ތަފާތު އެކި ކާރިސާތަކާމެދު ރަށު ފެންވަރުގައި ފިޔަވަޅު އެޅުމުގެ ޤާބިލުކަން ކުޑަވުމަކީ މިކަމަށް ބޮޑު ގޮންޖެހުމެކެވެ.

އެހެންކަމުން މި ދާއިރާއަށް ދެވޭ ސަމާލުކަން އިހުނަށްވުރެ ބޮޑުކޮށް، މިހާރަށްވުރެއްވެސް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ސިޔާސަތެކެވެ. މިކަން އެންމެ ރަނގަޅަށް ދައްކުވައިދެނީ މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ޖަޒީރާ ދިރިއުޅުމުގެ ތެރެއިން ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެއްވެވުމަށް ހިމެނުއްވުމެވެ.

ތަރައްޤީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގާ ތަފާތު މަޝްރޫޢުތަކާއެކު އެކީގައި، ތިމާވެއްޓާ ރައްޓެހި، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަކީ އެމަނިކުފާނުގެ މުހިއްމު ތަޞައްވުރެކެވެ. މި ސަރުކާރުން ކަންކަން ބައްޓަންކުރައްވަމުން އެ ގެންދަވަނީ މިމަގުންނެވެ.