ވިމެންސް ސުޕަރ ލީގުގެ ލިވަޕޫލުން އެޓީމްގެ ކުރީގެ ކެޕްޓަން ޖެމާ ބޯނަރ އަނެއްކާވެސް އެޓިމަށް ގެންގޮސްފިއެވެ.
ބޯނަރގެ ކެޕްޓަންކަމުގެ ދަށުން ލިވަޕޫލް ވިމެންވަނީ ވިމެންސް ސުޕަރ ލީގުގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ބޯނަރވަނީ 2018 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ވިމެން އަށް ބަދަލުވުމުގެ ކުރިން ހަ އަހަރު ލިވަޕޫލަށް ކުޅެފައެވެ.
އުމުރުން 31 އަހަރުގެ ބޯނަރވަނީ އިންގްލަންޑް ޓީމަށް 11 ފަހަރު ކުޅެފައެވެ. އަދި އޭނާ އެންމެ ފަހުން ކުލެފައިވަނީ އެމެރިކާގެ ޓީމެއް ކަމަށްވާ ރޭސިންގ ލުއިސްވީލްއަށެވެ. އަދި މިހާރު އޭނާ ލިވަޕޫލާއި ގުޅުމާދެމެދުވަނީ އިންޓަރނޭޝަނަލް ކްލިއަރެންސް އާއި އިތުރު ބައެއް ހުއްދަތައް ހޯދުން އެކަންޏެވެ.
ބޯނަރ ހާމަކުރިގޮތުގައި މިއީ އޭނާއަށް ވަރަށް ހާއްސަ ވަގުތެއް ކަމަށެވެ. އަދި މިހާރުވެސް އެންފީލްޑަށް ވަންނަ ކޮންމެ ފަހަރަކު މިއީ ހަގީގަތެއްތޯ ޔަގީން ކުރުމުގެ ގޮތުން އަތުގައި އަމިއްލައަށް ވިކާލެވޭ ކަމަށެވެ. އަދި ލިވަޕޫލް ދޫކޮށްދިއުމަކީ އޭނާ ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި އަބަދުވެސް އަލުން އެނބުރި އަންނާނެކަމުގެ އުންމީދު އޮތް ކަމަށެވެ. އަދި މިހާރު މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލް ކުރެވޭކަމަށެެވެ.
ބޯނަރގެ ކެޕްޓަންކަމުގެ ދަށުން 2013 އަދި 2014 ވަނަ ސީޒަންގައި އޭރުގެ ލިވަޕޫލް ވަނީ ޖެހިޖެހިގެން ދެފަހަރު ވިމެންސް ސުޕަރ ލީގުގެ ތަށި އުފުލާލާފައެވެ. އަދި ބޯނަރއަކީ އަންހެން ފުޓްބޯޅަ ޕްރޮފެޝަނަލް ފެންވަރުގައި އިންގްލަންޑްގައި ކުޅެން ފެށިފަހުން ލިވަޕޫލްގައި ދެވަނައަށް އެންމެ ގިނަ މެޗް ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 115 މެޗް ކުޅެދީފައެވެ.
ލިވަޕޫލްގެ ކޯޗް މެޓް ބަރޑް ހާމަކުރިގޮތުގައި ބޯނަރ އަލުން ޓީމަށް ގެނައުމުގެ ފުރުސަތަކީ ދޫކޮށްލާވަރުގެ ފުރުސަތެއް ނޫންކަމަށެވެ. އަދި ބޯނަރ ފަދަ ކުޅުންތެރިއެއް އައުމުން ޓީމަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށް އޭނާ ހާމަކުރިއެވެ.