ސްކޮޓިޝް ޕްރިމިއަރޝިޕްގައި ސެލްޓިކާއި ސެއިންޓް ޖޯންސްޓޯން ބައްދަލުކުރި މެޗް ސެލްޓިކް ކާމިޔާބުކޮށްފިއެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓިކުންނެވެ.
މެޗްގައި ސެލްޓިކް ހޯދި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ރިއޯ ހަޓާޓޭ އާއި ކިޔޯގޯ ފުރުހާޝީއެވެ. މި ދެ ކުޅުންތެރިންވަނީ މެޗްގައި ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާދިނީ ހަޓާޓޭއެވެ. އަދި ސެލްޓިކްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހާދިނީ ފުރުހާޝީއެވެ.
ތިންވަނަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީވެސް ފުރުހާޝީއެވެ. އަދި ފަހު ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ ހަޓާޓޭއެވެ. މިމެޗްގައި ޖޯންސްޓޯންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޑްރޭ ރައިޓްއެވެ. މިމެޗްގެ އިތުރު ވަގުތުގައި ސެލްޓިކްގެ ބަދަލު ކުޅުންތެރިޔާ ޑޭވިދް ޓަރންބުލްއަށް ވަނީ ރަތްކާޑު ދައްކާފައެވެ.
މި ކާމިޔާބީއާއެކު ލީގް ތާވަލްގެ އެއްވަނައިގާ ސެލްޓިކްއަށް މިހާރުވަނީ 9 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ 18 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އުޅޭ ރޭންޖަރސްއަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ޖޯންސްޓޯން އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.