ކުޅިވަރު

ސްޓެފަން ކަރީގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ދެ ހަފުތާއަށް ކުޅުމާ ދުރަށް


އެން.ބީ.އޭ. ގެ އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ ސްޓެފަން ކަރީގެ ކޮނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިތުރު ދެ ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ވޮރިއަރސްއިން ހާމަކޮށްފިއެވެ.

އެން.ބީ.އޭ. ފައިނަލްސްގެ އެންމެފަހުގެ އެމްވީޕީގެ މަގާމްވެސް ހާސިލްކޮށްފައިވާ ކަރީގެ ވައަތު ކޮނޑަށް އަނިޔާވެފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އިންޑިއާނާ ޕޭސަރސް އާއި އެކު ކުޅުނު މެޗްގައެވެ.

އުމުރުން 34 އަހަރުގެ ކަރީ އަކީ މި ސީޒަންގައި އާންމުކޮށް މެޗެއްގައި 30 ޕޮއިންޓް ހޯދާދޭ ކުޅުންތެރިއެކެވެ. އަދި މި އަނިޔާގެ ސަބަބުން ވޮރިއަރސް އެންމެފަހުން ކުޅުނު ހަތަރު މެޗްގައި އޭނާއަށް ނުކުޅެވެއެވެ. އަދި މިސީޒަންގައި ވޮރިއަރސްގެ ފޯމު އެންމެ ރަނގަޅަށް ނެތުމާއެކު ކަރީ ނެތުން ވެފައިވަނީ ފޫބެއްދޭވަރަށް ވުރެ ބޮޑު ކަމަކަށް ވެފައެވެ.

މި ސީޒަންގައި ވޮރިއަރސްއަށް މިހާތަނަށް ކާމިޔާބުކުރެވިފައި ވަނީ 15 މެޗެވެ. އަދި 18 މެޗުން ބަލިވެފައިވެއެވެ. ވޮރިއަރސް އިން ހާމަކުރިގޮތުގައި ކަރީގެ އަނިޔާގެ ކަންތައްތައް އެޓީމްގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށެވެ.

ވޮރިއަރސް ދެން އެންމެ އަވަހަށް ކުޅޭ މެޗްގައި މާދަމާރޭ ނިކުންނާނީ މެމްފިސް ގްރިޒްލީސް އާއި ދެކޮޅަށެވެ. މި ދެޓީމަކީ މިދިޔަ ސީޒަންގެ ވެސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި ވާދަކުރި ދެޓީމެވެ. އެފަހަރު ފަސް މެޗަށް ގޮސްގެން ސެމީފައިނަލް ކާމިޔާބުކުރީ ވޮރިއަރސްއެވެ. ނަމަވެސް މި ސީޒަންގައި ގްރިޒްލީސް ވެސްޓާރން ކޮންފަރެންސްގެ ދެވަނައިގާ އުޅޭއިރު ވޮރިއަރސް އޮތީ 11 ވަނައިގައެވެ.