65 ކުޅުންތެރިންނާއެކު އަހަރުގެ ފަހު ޓޭބަލް ޓެނިސް މުބާރާތް ކަމަށްވާ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފިއެވެ.
މިއީ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ބާއްވަން ފެށި ފަހުން ކުރިއަަށް ގެންދާ 60 ވަނަ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25-30 އަށް މާލޭ ޓޭބަލް ޓެނިސް ހޯލުގައެވެ.
މި އަހަރުގެ މުބާރާތުގައި 65 ކުޅުންތެރިން ބައިވެރިވާއިރު، މި މުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ.
މި އަހަރުގެ މުބާރާތަކީ ފަހަކަށް އައިސް އެންމެ ބޮޑު ތަރުހީބެއް ލިބުނު ޓީޓީގެ ގައުމީ މުބާރާތެވެ. އެގޮތުން މި މުބާރާތުގައި ފުވައްމުލަކުގެ ޖޫނިއާ ޓީމެއް ވާދަކުރާއިރު، މިއީ ގައުމީ މުބާރާތުގައި މާލެއިން ބޭރު ޓީމެއް ރަނގަޅު ތައްޔާރީތަކަކާއެކު ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 22 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ސިންގަލްސްގައި 20 ކުޅުންތެރިން ވާދަކުރެއެވެ. 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 10 ކުޅުންތެރިން ބައިވެރިވާއިރު، އަންހެން ސިންގަލްސްގައި 11 ކުޅުންތެރިން ވާދަކުރެއެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގައި 13 ކުޅުންތެރިން ވާދަކުރެއެވެ. އަދި އަންހެން ސިންގަލްސްގައި 10 ކުޅުންތެރިން ވާދަކުރެއެވެ.