ކުޅިވަރު

ސަތޭކައަކުން ސަތޭކަ މަސައްކަތްކޮށްފިން، މިހާރު ކުރަނީ ބޯނަސް މަސައްކަތް: މަޚްލޫފް


މި ސަރުކާރުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ސަތޭކައަކުން ސަތޭކަ މަސައްކަތް ކުރެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ބޯނަސް މަސައްކަތް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޕެރަލިމްޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސް ތައާރަފްކުރުމުގެ އިތުރުން ފުޓުބޯޅަ އާއި ވޮލީ ކޯޓުތަކެއް މި ދައުރުގެ މިހާތަނަށް ވަނީ ރިކޯޑު އަދަދަކަށް ޤާއިމުކޮށްފައެވެ.

މިހާތަނަށް މި ސަރުކާރުގައި ކުރެވުނު މަސައްކަތްތަށް ފާހަގަކޮށް ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުރި މަސައްކަތްތަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށާއި އެގޮތުން 25 ރަށެއްގައި ފުޓުބޯޅަ ދަނޑު އެޅުމަށް ވައުދުވި ނަމަވެސް އެ ދަނޑުތަކުގެ އަދަދު މިހާރު 40 އަށް އަރާފައިވާ ކަމަށެވެ. މިހާރު 85 ދަނޑެއްގެ މަސަައްކަތް ކުރިޔަށްދާއިރު، ވޮލީބޯޅައިގެ ފެންވަރު ރަނގަޅު ގިނަ ކޯޓުތަކެއްވެސް މި ސަރުކާރުން ޤާއިމުކޮށްފައިވާ ކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ނެޓްބޯޅަ އާއި ހޭންޑްބޯޅަ ކޯޓެއް މާލޭގައި އެޅުމުގެ އިތުރުން ޕެރަލިމްޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސް ޤާއިމުކުރެވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި އުއްމީދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީހާވެސް ގިނަ ފުރުސަތެއް އަންނަ އަހަރު ލިބުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތްތަކާއެކު މި އަހަރާއި ހަމަޔަށް ކުރެވުނު މަސައްކަތްތަކުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.

ކުޅިވަރު ވުޒާރާއިން އިސްނަގައިގެން މިއަހަރު ވަނީ ކުޅިވަރު އާއިލާއަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް ސްޕޯޓްސް އެވޯޑެއް ބާއްވާފައެވެ. މިއީ ސަރުކާރުން ކުޅިވަރުގެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަން ފެށި އެވޯޑެކެވެ. މިއަހަރުގެ ކާމިޔާބީއާއެކު ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުވެސް މި އެވޯޑު ބޭއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.