އެމެރިކާގައި ވަޒީފާތަކަށް މީހުން ލިބުން ދަތިވެއްޖެއެވެ. ކޯވިޑް19 އާއި ގުޅިގެން ފާއިތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ހިޖުރަކުރާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއާއިއެކު ބައެއް ސިނާއަތްތަކަށް ވަޒީފާއަށް ބޭނުންވާ މުވައްޒަފުން ލިބުމުގައި ދަތިވެފައިވާކަމަށް ހޯދުންތަކުން ދައްކައެވެ.
އެހެން ޤައުމުތަކުން އެމެރިކާއަށް ހިޖުރަކުރާ މީހުން އެޤައުމުގެ ވަޒީފާގެ ބާޒާރުގެ ބޮޑުބައެއް ހިއްސާކުރެއެވެ. އޭގެތެރޭގައި އެމެރިކާގެ މީހުން ވަޒީފާ އަދާކުރަން ބޭނުންނުވާ ބައެއް ދާއިރާތައް ހިމެނެއެވެ.
ހޯދުންތަކުން ދައްކާގޮތުގައި ކޯވިޑް19 އާއި ގުޅިގެން މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތާއި، ދަނޑުވެރިކަމުގެ ސިނާއަތާއި، އަދި ހޮސްޕިޓަލިޓީ ސިނާއަތައް ބޭނުންވާ މީހުން ހޯދުމަށް އެމެރިކާއާށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއް ސިނާއަތްތަކަށް މީހުން ލިބުން ދަތިވުމުގެ ސަބަބުން މިހާރު އެ ޤައުމުގައި އެސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަވެސް އަންނަނީ ބޮޑުކުރަމުންނެވެ. މިއާއިއެކު އިންފްލޭޝަނަށް އަސަރުތަކެއް ކުރާނެއެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނެފައިވާގޮތުން ވޭތުވެދިޔަ 13 މަސް ދުވަހުގެ ތެރޭގައި އެޤައުމުގެ އިންފްލޭޝަން މަތިވަމުންދާ ދުވެލި ވަނީ މަޑުވެފައެވެ. އެމެރިކާގެ އިޤްތިޞާދީ ހަރަކާތުގެ 3 ބައި ކުޅަ 2 ބަޔަށްވުރެ ބޮޑު ބައެއް ޙިއްސާކުރާ ކޮންސިއުމަރ ސްޕެންޑިންގ ނޮވެމްބަރު މަހު ވަނީ %0.1 އަށް އިތުރުވެފައެވެ. ރޮއިޓަރސްގެ ޕޯލުގައި ބައިވެރިވި އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންސިއުމަރ ސްޕެންޑިންގ %0.2 އަށް އިތުރުވާނެއެވެ.