އަސޯކް ސްޕޯޓްސް ބީޗް ވޮލީބޯޅަ މުބާރާތުގައި ދިވެހި ވޮލީބޯލް ވެޓެރަންސް އެސޯސިއޭޝަން (ޑީވީވީއޭ) ފަރާތުން ބައިވެރިވާ ޓީމުތަކުގެ ކުޅުންތެރިން މުބާރާތުގައި ވާދަކުރުމަށް ތައިލޭންޑަށް ފުރައިފިއެވެ.
ތައިލޭންޑުގެ ވެރިރަށް ބެންކޮކުގައި މި މަހުގެ 28 އިން 30 ގެ ނިޔަލަށް ކުރިޔަށްދާ މި ބީޗު ވޮލީބޯލަ މުބާރާތުގެ ހަތަރު ކެޓަގަރީއެއްގައި ރާއްޖެއިން ވާދަކުރެއެވެ. އެއީ މެންސް އޯޕަން، ވިމެންސް އޯޕަން، އޯޕަން މިކްސް އަދި 35 އަހަރުންމަތީގެ ކެޓަގަރީގައެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން އޯޕަން ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން ދެ ޓީމު ވާދަކުރެއެވެ. ރާއްޖޭން މި މުބާރާތުގައި އެންމެ ގިނަ ޓީމު ވާދަކުރަނީ އޯޕަން މިކްސް ބައިގައެވެ. ޖުމްލަ ފަސް ޓީމު މި ކެޓަގަރީގައި ބައިވެރިވެއެވެ. މީގެއިތުރުން 35 އަހަރުންމަތީގެ ކެޓަގަރީގައި ހަތަރު ޓީމެއް ވާދަކުރެއެވެ.
ރާއްޖޭގެ ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިިންތަކެއް މި މުބާރާތުގައި ވާދަކުރެއެވެ. އޭގެތެރޭގައި ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުނު އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނެއެވެ.
ބެންކޮކުގެ އަސޯކް ސްޕޯޓްސް ކޮމްޕްލެކްސްގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ނޯވޭ، ބްރެޒިލް، ދެކުނު އެފްރިކާ ފަދަ ގައުމުތަކުން ޓީމުތައް ބައިވެރިވެއެވެ. ޖުމްލަ 30 އަށްވުރެ ގިނަ ޓީމު މި މުބާރާތުގައި ވާދަކުރާ ކަމަށް ޑީވީވީއޭ އިން މައުލޫމާތުދެއެވެ. އަދި ޓާގެޓަކީ މުބާރާތުގައި ވާދަކުރާ ހުރިހާ ކެޓަގަރީއަކުން ވެސް ބޮޑު ކާމިޔާބީތަކެއް ހޯދުން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.