އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިދިނުމަށް އެދިފައިވާކަމަށެވެ. އަދި އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރުމަށް އަަޑުގެ އިމާރާތުން ބައެއް، އަންނަ ޖެނުއަރީމަހު ހަމަޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ޕީއެސްއެމްއިން އަންގާފައިވާކަމަށްވެސް އިލެކްޝަނުން ބުނެއެވެ.
އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފެށެން އޮތީ އެފަދަ މަސައްކަތްކުރެވޭނެ ބޮޑު ތަނެއް ލިބިގެންކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ އަޑުގެ އިމާރާތުގައި ކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބާބެހޭ އެންމެ މުހިއްމު މަސައްކަތްތައް ކަމަށެވެ. މިގޮތުން އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލަޔަންސް ބިއުރޯ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައިކަން ހަބީބު ފާހަގަކުރެއްވިއެއެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތްތަކާއި ކޯޑިނޭޝަންގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައިކަމަށް ހަބީބު ވިދާޅުވިއެވެ.
މި ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް މައި މަރުކަޒުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކޮށްފައިވަނީ ބައު ޖަމާލުއްދީން ސްކޫލު އިމާރާތެވެ. ނަމަވެސް، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހެދުމަށް އެ ތަން ހުސްކޮށް ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަންނަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ނަމަވެސް އިލެކްޝަނުން ބުނަނީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ އެ އަދަދު މަދުވާނެ ކަމަށެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ދެ ބުރު ބާއްވަން ޖެހިއްޖެނަމަ އިތުރު 30 މިލިއަން ރުފިޔާ ބޭނުންވާނެއެވެ.