ދުނިޔޭގެ ވިޔަފާރި

ޖަރުމަނުވިލާތުގެ ކުންފުނިތަކުން އެފްރިކާގައި އިންވެސްޓްކުރަނީ


ޖަރުމަނުވިލާތުގެ ކުންފުނިތަކުން އަންނަ އަހަރު އެފްރިކާގައި އިންވެސްޓު ކުރަން ނިންމައިފިއެވެ.

ޖަރުމަނުވިލާތުގެ ބައެއް ކުންފުނިތަކުން ހާއްސަކޮށް ގްރީން ހައިޑްރޯޖަން އަދި ލިކުއިފައިޑް ނެޗުރަލް ގޭސް ފަދަ ދާއިރާތަކުގައި ހަރަކާތްތެރިކަން ކުރިއަރުވަން ބޭނުންވާއިރު، އެ ގައުމުގެ %43 ކުންފުނިން ވަނީ އެ ބައްރުގައި އިންވެސްޓްމަންޓް އިތުރުކުރުމަށް ރާވާފައެވެ.

ޖަރުމަން-އެފްރިކަން ބިޒްނަސް އެސޯސިއޭޝަންގެ މެމްބަރުންގެ ޕޯލުން ވެސް ދައްކާ ގޮތުގައި އެސޯސިއޭޝަންގެ އިތުރު %39 މެމްބަރުންގެ އަމާޒަކީ އެފްރިކާގައި ޚަރަދުކުރާ މިންވަރު އެއްވަރެއްގައި ބެހެއްޓުމެވެ.

މި ޕޯލްއިން ދައްކާ ގޮތުގައި މި އަހަރު އެފްރިކާގައި ވިޔަފާރީގެ ހަރަކާތްތަކުގެ ތެރެއިން %56 ކުންފުނިތަކުން ޕޮޒިޓިވްކޮށް ބަލާފައިވާއިރު އިތުރު %7 ކުންފުނިތަކުން ވަނީ "ވަރަށް ރަނގަޅު" ކަމަށް ބުނެފައެވެ.

"ކުރިއަށް އޮތް އަހަރު ގިނަ ކުންފުނިތަކުން ބޭނުންވަނީ އެމީހުންގެ ހަރަކާތްތައް ފުޅާކުރަން،" އެސޯސިއޭޝަންގެ ވެރިޔާ ކްރިސްޓޮފް ކަނެގީސަރ ރޮއިޓާސް ނޫހަށް ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ކުންފުނިތަކުން 2021 ވަނަ އަހަރު އެފްރިކާގައި ގާތްގަނޑަކަށް 1.6 ބިލިއަން ޔޫރޯ އިންވެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 1.1 ބިލިއަން ޔޫރޯ ދިޔައީ ސަބް ސަހާރާ ސަރަހައްދަށްކަމަށް އެ ގައުމުގެ އިގްތިސާދާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ރަޝިއާއަށް ބަރޯސާވުން ކުޑަކުރުމަށް ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަރުމަނުވިލާތުން މަސައްކަތް ކުރަމުން އަންނައިރު، އެފްރިކާގެ ހަކަތައިގެ ދާއިރާއިން ބޮޑެތި ފުރުސަތުތަކެއް އެބަހުރިކަމަށް ކްރިސްޓޮފް ވިދާޅުވިއެވެ.

އެފްރިކާގައި ހަރަކާތްތެރިވާ ޖަރުމަނުގެ ވިޔަފާރިތަކުގެ %85 ވަރަކަށް ތަމްސީލުކުރާކަމަށް ބުނާ އެސޯސިއޭޝަނުން ބޭނުންވަނީ އެފްރިކާގެ ވިޔަފާރި އެމެރިކާއަށާއި ޗައިނާއަށް ދޫކޮށްނުލުމަށްޓަކައި ޖަރުމަނުވިލާތުގެ ސަރުކާރުން އެކްސްޕޯޓް ކްރެޑިޓް އިންޝުއަރެންސް އާއި އިންވެސްޓްމަންޓް ގެރެންޓީތަކަށް މެދުވެރިކޮށް އެހީތެރިވުމެވެ.

އިންސާނީ ހައްގުތަކާއި ތިމާވެށްޓާއި ހިލާފުވުންތަކާއި ދެކޮޅަށް ބޮޑެތި ކޯޕަރޭޝަންތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އުސޫލަކަށް އެ އެސޯސިއޭޝަނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.