ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން ކޮންޓްރޯލުކުރުމަށް ސްޕެއިންއިން 10 ބިލިއަން ޑޮލަރުގެ ޕެކޭޖެއް


އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް 10.65 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އަންގާރަ ދުވަހު ސްޕެއިންއިން ތައާރަފްކޮށްފިއެވެ.

މިއީ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މިއަހަރު ތައާރަފްކުރާ ތިން ވަނަ ޕެކޭޖެވެ. މިއަހަރު ފެށިގެން ތައަރާފްކޮށްފައިވާ މި ޕެކޭޖްތަކުގެ ޖުމްލަ އަދަދު 45 ބިލިއަން ޔޫރަށް އަރައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި ޕެކޭޖުގައި އަހަރަކު 27000 ޔޫރޯއާ ހަމައަށް އަހަރީ އާމްދަނީ ލިބޭ ގާތްގަނޑަކަށް 4.2 މިލިއަން ގޭބިސީތަކަށް 200 ޔޫރޯގެ އެއްފަހަރާ ބޯނަސްގެ ގޮތުގައި ދިނުމާއި ހަކަތަ ބިލްތަކުން ޓެކްސް ކުޑަކުރުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް އިތުރުކުރުން ހިމެނޭ ކަމަށެވެ.

މި ޕެކޭޖަކީ މީގެކުރިން މާޗް އަދި ޖޫން މަހުވެސް އިއުލާނުކުރި ޕެކޭޖްތަކާއި އެއްގޮތަށް އިއުލާނު ކުރި ޕެކޭޖްއެކެވެ. މާޗް އަދި ޖޫން މަހު އިއުލާނު ކުރި ޕެކޭޖްތަކުގައި ޓެކްސް ކުޑަކުރުމާއި ސޮފްޓް ލޯނާއި ކުލި ކޮންޓްރޯލް ކުރުމުގެ ކަންކަން ހިމެނެއެވެ.

ޕެކޭޖްގައި ހިމެނޭ މި ފިޔަވަޅުތަކުގެ އިތުރުން ކަރަންޓް އުފެއްދުމަށް ގޭހުގެ އަގަށް ލިމިޓެއް ކަނޑައެޅުމަށް ޔޫރަޕް އިއްތިހާދާއެކު ވެފައިވާ އެއްބަސްވުމަށްވެސް ސްޕެއިންއިން ވަނީ ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ހޯދާފައެވެ.

ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ސްޕެއިންގެ އިންފްލޭޝަން %6.7 އަށް ދަށްވެފައިވަނީ ނޮވެމްބަރު މަހުއެވެ. އަދި މިއީ 27 ޤައުމެއް ހިމެނޭ އީޔޫ ބްލޮކުގައި ހިމެނޭ އެންމެ ދަށް ރޭޓެވެ.

އިންފްލޭޝަން ނޮވެމްބަރުމަހު ދަށްވެފައި ވަނީ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ދަށްވުމުންނެވެ. އެގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު، ނޮވެމްބަރު މަހު ކަރަންޓުގެ އަގު ވަނީ %22.4 އަށް ދަށްވެފައެވެ.

އިންފްލޭޝަން ދަށްވި ނަމަވެސް ސްޕެއިންގައި ކާބޯތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުމަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ވަނީ %15 އަށް މައްޗަށް ގޮސްފައެވެ.

ބޮޑު ވަޒީރު ސަންޗޭޒް ވިދާޅުވި ގޮތުގައި ޕާން، ޗީޒް، ކިރު، މޭވާ ،ތަރުކާރީ އަދި ސީރިއަލް ފަދަ ޒަރޫރީ ކާނާގެ ވެލިއު އެޑެޑް ޓެކްސް %4 އިން %0 އަށް ކުޑަކުރާނެ ކަމަށެވެ. އަދި ޕާސްތާ އާއި ކެއްކުމަށް ބޭނުންކުރާ ތެލުގެ ވެޓް ދެބައިކުޅަ އެއްބައި ކުޑަކޮށް %5 އަށް ކުޑަކުރެވޭނެ ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ. އަދި ދަތުރުވެރިންނަށް ރޭލު ދަތުރުތަކަށް ދޭ ސަބްސިޑީ 12 މަސް ދުވަހުގެ މުއްދަތަށް އިތުރުކުރުމާއި ކުލި ބޮޑުކުރުމުގެ ލިމިޓްތައް ވެސް ސަންޗޭޒް ވަނީ އިއުލާންކުރައްވާފައެވެ.

ޕެކޭޖްތައް މެދުވެރިކޮށް މިހާތަނަށް ފޯރުކޮށްދިން އެހީގެ ސަބަބުން މިއަހަރު ސްޕެއިންގެ އިގްތިސާދީ ދުވެލި %5 އަށް ހަލުއިވެފައިވާ ކަމަށާއި އެއީ ސަރުކާރުން ކުރިން ލަފާކުރި %4.4 އަށް ވުރެ މަތީގެ ކުރިއެރުމެއް ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްފަދައިން ސްޕެއިނުންވެސް އަންނަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ހެދި ހަކަތައިގެ އަގަށް ކުރާ އަސަރުތަކުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުގެ ދަތިކަމާއި ކުރިމަތިލަމުންނެވެ.