ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގައި ރާއްޖޭގެ ބެޑްމިންޓަންގެ ދެބެއިން ކަމަށްވާ ނަބީހާ އަބްދުއްރައްޒާގު އާއި ނަބާހާ އަބްދުއްރައްޒާގު އެތްލީޓުންގެ ގޮތުގައި ސަރުކާރުން ހިމަނައިފިއެވެ.
މިކަން ހާމަކޮށްދެއްވާ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 4 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މި ދެ އެތްލީޓުންނަށް ދީފައިވާ ކަމަށެވެ. އަދި މި މުބާރާތްތަކާ ތަމްރީނުތަކާއެކު ދުނިޔޭގެ ރޭންކިންގ 87 އަށް މި ޕެއާ ބަދަލުވެފައިވާ ކަމަށާއި އިތުރު ފުރުސަތާއެކު ނަތީޖާ ރަނގަޅުވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ޕްރޮގްރާމުގައި މިހާރުވެސް ގިނަ އެތްލީޓުން ހިމެނެއެވެ. އޭގެ ތެރޭގައި ކުރިއަރަމުން އަންނަ ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ޓެނިސް ތަރި އާރާ އާޞާލް އާޒިމް ހިމެނެއެވެ. އަދި ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވެސް މި ޕްރޮގުރާމުގައި ހިމަނާފައިވާއިރު އިތުރު އެތްލީޓުންތަކެއް މުސްތަގްބަލުގައި މި ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ވަޒީރު ވަނީ ހާމަކޮށްދެއްވާފައެވެ.
"އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިހާއި، ޓެނިސް އަދި އެތުލެޓިކްސްގެ ޒުވާން އެތުލީޓުން ހިމެނެއެވެ.