އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރި މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
މި މެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ މިވަގުތު ވަރަށް ފޯމްގައި ހުރި ފޯވަޑް މާކަސް ރަޝްފަޑްއެވެ. އަދި ދެވަނަ ލަނޑު ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭގެ ތިން މިނެޓްފަހުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލްއެވެ. އަދި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ފްރެޑްއެވެ.
މި މެޗްގައި މީގެއިތުރުންވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. މިގޮތުން ފޮރެސްޓްގެ ކީޕަރ ވޭން ހެނެސީ ވަނީ އެންޓަނީ އާއި ރަޝްފަޑް އަދި މާޝިއަލް ފޮނުވާލި ތިން ހަމަލާއެއް ދިފާއުކޮށްފައެވެ.
މި ކާމިޔާބީއާއެކު ޔުނައިޓެޑަށް މިހާރުއުޅެނީ ކުޅުނު 15 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި ފޮރެސްޓް އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.