ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތަކުގެ މައިގަނޑު އަސްލަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނީ އެމަނިކުފާނު ވާދަކުރައްވައިގެންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ޕްރައިމަރީއާއި، ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ބައެއް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނަކީ އަބަދުވެސް އެކި ކަންކަމުގައި ޚިޔާލު ތަފާތު ދެ ބޭފުޅުންކަމަށެވެ. ނަމަވެސް އެ ޚިޔާލުތަފާތުވުންތަކާއެކުވެސް ކުރިއަށްދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު، ނިންމެވި ބައެއް ނިންމެވުންތަކާމެދު ހިތްހަމަނުޖެހުމުން އެކަން އެމަނިކުފާނާއި ހިއްސާކުރައްވާކަމަށެވެ. އަދި އެމަނިކުފާނަށް ލަފައާއި މަޝްވަރާ އަރުވަން އޭރު ތިއްބެވި ގިނަ ބައެއްގެ ބަހަށް އެކަމެއް ނިންމެވުމުން ޤަބޫލުކުރެއްވިކަމަށާއި، އެމަނިކުފާނުގެ މިކޯލިޝަން ސަރުކާރުގައިވެސް ކަންކަން ނިންމަވަނީ ގިނަ ބަޔަކަށް ބުރަވެވޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައީސް ނަޝީދާއި އެމަނިކުފާނާއި ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށްބުނެ ދެކެވޭ ވާހަކަތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައީސް ނަޝީދަކީ ވެރިކަން ބޭނުންފުޅުވާ ބޭފުޅެއްކަމަށެވެ. އަދި ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުމަކީ އެމަނިކުފާނު ވެރިކަމުގައި މިހާރު ހުންނެވުންކަމަށާއި، އެނޫން ކަމެއް އޮތްކަމަކަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ އެމް.ޑީ.ޕީއަށް ވަރަށް މުހިއްމު އިންތިޚާބެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް އިންތިޚާބު ކާމިޔާބުކުރުމަށް އެންމެ ފުރުޞަތު ބޮޑު ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެމް.ޑީ.ޕީން ބޭނުންވާނެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން. މިވަގުތު އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީއަށް ކާމިޔާބުކުރެވޭނެކަމުގެ ފުރުޞަތު އެންމެ ބޮޑީ އަޅުގަނޑަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަލިއަޅުއްވާލައްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަޙު އޮތްގޮތުން، އެއްވެސް ޕާޓީއަކުން އެކަނި ނުކުމެ އިންތިޚާބު ކާމިޔާބުކުރެވިދާނެ ކަމަށް އަދިވެސް ދެކެވަޑައިނުގަންނަވާކަމަށެވެ.
އެހެންކަމުން އެމް.ޑީ.ޕީން ނިކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކާ %50 ކްރޮސްކުރެވޭނެ ކެންޑިޑޭޓަކަށް ވާންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީގޮތުން ޚިޔާލު އެއްގޮތްނޫން މީހުންނާއެކުވެސް ކޯލިޝަނެއް ހަދައިގެންގޮސް ރިޔާސީ އިންތިޚާބު 2023 ވަނަ އަހަރު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތްކަމަށްވެސް ރައީސުލްޖުމްހޫރިްޔާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓް ދެއްވާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކާ ބާއްވާ ޕްރައިމަރީގެ ވޯޓުލުން އަންނަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މިޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދު އެކަންޏެވެ.